-Advertisement-

-Advertisement-

ދައުލަތުގެ އެހީގައި 50 ފަގީރަކު ޙައްޖަށް ފޮނުވަނީ

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު—ފޮޓޯ: ސަން

ދައުލަތުގެ ޚަރަދުގައި މި އަހަރު 50 ފަގީރަކު ހައްޖަށް ފޮނުވަން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވެފައި ވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ޝަހީމް ފާހަގަކުރެއްވީ ފަގީރުންނަށް ޙައްޖުވުމުގެ އިންތިޒާމް ހަމަޖައްސަވާދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މައިއްޒު ވަރަށް އިސްކަންދެއްވާ ކަމެއްކަމަށެވެ.

މިހާތަނަށް އައި އިރު އެ 50 މީހުންނާ މުޢާމަލާތް ކުރައްވާ، އެ މީހުންގެ ދަތުރުގެ ކަންކަން އިންތިޒާމް ކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވާކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މި އަހަރު ހައްޖަށް ފޮނުވާނެ 50 މީހަކު ޚިޔާރު ކުރީ ކެބިނެޓުގެ ނިންމުމުގެ ދަށުން ގުރުއަތުލައިގެންކަމަށެވެ. އެހެންކަމުނެ މި ނިންމުމުގައި އެއްވެސް ނުފޫޒެއް ނުވާނެކަމުގެ ޔަގީންކަން ޝަހީމް އެރުވިއެވެ.

ޝަހީމްގެ ވާހަކަފުޅުގައި އިތުރަށް އަލިއަޅުއްވާލެއްވީ ޙައްޖަށް މީހުން ފޮނުވުމުގައި ރާއްޖެއަށް ލިބިދެވޭ ކޯޓާއަށެވެ. އެގޮތުން އެ މަނިކުފާނު ވިދާޅުވީ 50 މީހުން ގެންދިއުމަށް ނިންމެވީ ކޯޓާއަށް ރިއާޔަތް ކުރެއްވުމަށް ފަހުގައި ކަމަށެވެ. އެހެންނަމަވެސް އަންނަ އަހަރު މި އަދަދު އިތުރުވެދާނެ ކަމަށް ޝަހީމް ލަފާކުރައްވައެވެ.

ރައީސްގެ އަމާޒަކީ މި ދައުރު ނިމުމުގެ ކުރިން 1000 މީހުނަށް ދައުލަތުގެ ޚަރަދުގައި ޙައްޖުވެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުން ކަމަށް ޝަހީމް ވިދާޅުވިއެވެ. މި ކަމާ ގުޅިގެން ކޯޓާ އިތުރު ކުރުމުގެ މަސައްކަތް މިހާރު ރައީސް ކުރައްވަމުންގެންދަވާކަމަށް ޝަހީމް ވިދާޅުވިއެވެ.

ސައުދީއިން ކޯޓާ ދޫކުރަމުން ދަނީ އެކޮމޮޑޭޓް ކުރެވޭނެ އަދަދަށް ބަލާފައެވެ. ޙައްޖު ދުވަސް ކައިރިވުމުން ޤައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާތައް އަލުން ދޫކުމުގައި ދިވެހިރާއްޖެއަށް އިސްކަންދޭނެކަމަށް ސައުދީއިން ބުނެފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ. އެހެންކަމުން ކޯޓާ އިތުރު ކުރެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ޝަހީމް ވިދާޅުވިއެވެ.

މި އަހަރުގެ ޙައްޖު ދުވަސް އައުމަށް މިހާރު ބާކީ އޮތީ މަހެއްހާ ދުވަހެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-