-Advertisement-

-Advertisement-

ޓެކްސީ ކިއޫގެ ސަބަބުން ދިމާވާ ދަތިތައް ހައްލު ކުރަން ފުލުހުން ނުކުމެއްޖެ

ވެލާވާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓެކްސީތަކުގެ ކިއޫ ދިގުވުމުގެ ސަބަބުން އާންމުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ދިވެހި ފުލުހުން ނުކުމެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން މި މަސައްކަތުގައި ހަރަކާތްތެރިވާން ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެންނެވެ.

ހުޅުލެއަށް ދިމާވެފައިވަނީ ހަމަ އެކަނި ކިއޫ ދިގުވުމުގެ މައްސަލައެއް ނޫނެވެ. އެކި ފަސިންޖަރުންނަށް އެކި އަގުގައި ދަތުރު ކޮށްދޭ މައްސަލަ ވެސް މި ވަނީ ފެންމަތިވެފައެވެ. މި ކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީއާއި ހޯމްލޭންޑް މިނިސްޓްރީއާ ކުރެވުނު މަޝްވަރާއަށް ފަހު ފުލުހުން މި ވަނީ އެއާޕޯޓުގައި ހަރަކާތްތެރިވާން ފަށާފައެވެ.

މީގެއިތުރުން ވެސް ޓެކްސީގެ ޚިދުމަތް ހޯދާ އާންމުންނަށް ދަނީ ތަފާތު އެކި އުނދަގޫތަކާ ދިމާވަމުންނެވެ. އެގޮތުން މާލެއަށް ކުރާ ދަތުރުތައް ނެގުމަށް ދެކޮޅުހެދުމާއި، ޑިކީއަށް އަރުވާ އެއްޗެއްސަށް ވަކިން ފައިސާ ޗާޖުކުރުމާއި، ޑޮމެސްޓިކް ޓާމިނަލަށް ކުރާ ދަތުރުތަކަށް އިތުރަށް ފައިސާނެގުމުގެ އިތުރުން ހުޅުލެއިން ނައްޓާލާ އިރު އެކި ތަންތަނަށް ދާ ވަކިވަކި ފަސިންޖަރުން އަރުވައިގެން ދަތުރު ކުރުމަށް ފަހު ކޮންމެ މީހެއްގެ އަތުން ވެސް ފުރިހަމަ ދަތުރަކަށްވާ ވަރަށް ފައިސާ ނެގުން ހިމެނެއެވެ.

މި ފަދަ މައްސަލަތަކާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ އިއްޔެ ބަޔާނެއް ވެސް ނެރެފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީއިން ހާމަކުރާގޮތުގައި މި ފަދަ މައްސަލަތަކުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބޭ މިންވަރު ދަނީ ދުވަހެއްދުވަހަކަށް އިތުރުވަމުންނެވެ. އެހެންކަމުން އެ މިނިސްޓްރީއިން އެމްއޭސީއެލާ ގުޅިގެން ބައެއް މަސައްކަތްތައް ކޮށްފައިވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ޝަކުވާ ހުށަހެޅޭނެ ކިއުއާރު ކޯޑެއް ފޯރުކޮށްދިނުމާއި ޓެކްސީގެ ދަތުރުތަކަށް ނެގޭނެ އަގުތައް ފެންނާނެ ފަދަ ބޯޑުތަކެއް އެ ސަރަހައްދުގައި ހަރުކުރުން ހިމެނެއެވެ.

މިހާރު ވަނީ އެ މިނިސްޓްރީ އިން މި ފަދަ މައްސަލަތައް ބެލުމަށް ޚާއްޞަ ކޮމިޓީއެއް ވެސް އެކުލަވާލާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-