-Advertisement-

-Advertisement-

އައްޑޫ ސިޓީގައި ޑެންގޫ ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮއްފި

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް – ފޮޓޯ: އިކުއެޓޯރިއަލް ހޮސްޕިޓަލް

މަދިރީގެ ސަބަބުން ފެތުރޭ ބައްޔެއްކަމަށްވާ ޑެންގޫ ހުން އައްޑޫ ސިޓީގައި ހަލުވިކަމާއެކު ފެތުރެމުންދާތީ އެ ސިޓީގެ އިކުއެޓޯރިއަލް ހޮސްޕިޓަލުން މި ބައްޔަށް ސަމާލުވުމަށް އާންމުންގެ ފަރާތުން އިލްތިމާސްކޮށްފިއެވެ.

އެ ހޮސްޕިޓަލުން މި ގޮތަށް އިލްތިމާސް ކޮށްފައިވަނީ އިއްޔެ އެކްސްގައި ކުރި ޕޮސްޓެއް މެދުވެރިކޮށެވެ. އަދި ފަރުދީ ގޮތުން އަދާކުރަންޖެހޭ އެންމެހާ ޒިންމާއެއް އަދާކުރުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފިއެވެ.

އެ ހޮސްޕިޓަލުން އިލްތިމާސްކޮށްފައިވަނީ ފެން ހަރުލާފަދަ ގޮތްގޮތަށް އެއްޗެހި ނުބެހެއްޓުމަށާއި މިހާރު ހުރި އެ ފަދަ ތަންތަން ވީ އެންމެ އަވަހަކަށް ސާފުކުރުމަށެވެ. އަދި ހެނދުނު އިރު އަރާ ވަގުތާއި ހަވީރު އިރު އޮއްސޭ ވަގުތު ފަދަ މަދިރި ގިނަވާ ވަގުތުތަކުގައި ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި ހަށިގަނދު ނިވާވާ ފަދަ އަންނައުނު ބޭނުންކުރުމަށް ވެސް ހޮސްޕިޓަލުގެ އިލްތިމާސްގައިވެއެވެ.

ހުން އަންނަކަމަށް ފާހަގަ ކުރެވޭ ހިސާބުން ސަމާލުކަންދޭންވީ ކަންތައްތަކެއް ވެސް ހޮސްޕިޓަލުން އާންމުކޮށްފައިވެއެވެ. އެގޮތުން ހުން އައުމުން ޕެރެސެޓެމޯލް ނުވަތަ ޕެނަޑޯލް ފިޔަވާ އިތުރު ބޭހެއް ބޭނުން ނުކުރުމާއި، ހުން މަޑުނުވެ 3 ދުވަހަށް ވުރެ އިތުރުވާކަމުގައިވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ގިނައިން ދިޔާ ތަކެތި ބުއިމުގެ އިތުރަށް އަރާމުކުރުމަށް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ހޮސްޕިޓަލުން އަންގާ ގޮތުގައި ކުޑަ ކަމުދެވޭ ވަރު މަދުވެ، ހަށިގަނޑުން އާދަޔާ ޚިލާފަށް ވަރުދެރަވެ އަދި ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އައުން ފަދަ ކަމަކާ ކުރިމަތިވާ ނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ.

މި ދުވަސްވަރަކީ މާލެ ސަރަހައްދުގައި ވެސް މަދިރީގެ ސަބަބުން ޖެހޭ ބަލިތައް އިތުރު ދުވަސްވަރެކެވެ. އެގޮތުން މިދިޔަ މަހު އެކަނި ވެސް މާލެ ސަރަހައްދުން ޗިކުންގުންޔާ ބަލި ޖެހިގެން 59 ކޭސް ރިޕޯޓުކުރެވިފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-