-Advertisement-

-Advertisement-

ގާފަރު ފަޅުން 16 ރަށް ހިއްކަނީ

ކ ގާފަރު ފަޅުގައި 16 ރަށެއް ހިއްކާ ރިވެޓްމެންޓު ޖެހުމުގެ މަސައްކަތް އަމިއްލަ ކުންފުންޔަކާ ހަވާލުކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި މަޝްރޫޢު ހަވާލުކުރެވިފައި ވަނީ އެޓޯލް ވާރކްސް ޕްރައިވެޓް ލިމިޓެޑާއެވެ. ސަރުކާރުގެ ފަރާތުން އެޓޯލް ވާރކްސް ޕްރައިވެޓް ލިމިޓެޑާ މި މަސައްކަތް ހަވާލު ކުރީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމް.އެފް.އެމް.ސީ) އިންނެވެ.

މިހާރު ނިންމާފައިވާ ގޮތުގައި މި 16 ރަށުގެ ތެރެއިން 2 ރަށަކީ ލަގްޒަރި ރިޒޯޓު ގާއިމުކުރުމަށް ހަމަޖެހިފައިވާ ދެ ރަށެވެ. އަދި އަނެއް 14 ރަށަކީ ޕްރައިވެޓް އައިލެންޑްގެ ގޮތުގައި ހެދުމަށް ހަމަޖެހިފައިވާ ރަށްތަކެވެ. އަދި ފާހަގަކޮށްލެވުނު 2 ރިޒޯޓަކީ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ތަރައްޤީ ކުރުމަށް ރޭވިފައިވާ ރިޒޯޓުތަކެކެވެ.

މި މަޝްރޫޢުގެ ދަށުން ގާފަރުގެ ރައްޔިތުންގެ ބޭނުންތަކަށް ޚާއްޞަކޮށް 40 ހެކްޓަރުގެ ބިމެއް ހިއްކުމަށް ވެސް ހަމަޖެހިފައިވެއެވެ. އެހެންކަމުން މި މަޝްރޫޢު އެއްކޮށް ނިންމާލެވޭ އިރު 106.91 ހެކްޓަރުގެ ބިން ހިއްކޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

ޖުމްލަގޮތެއްގައި މި މަޝްރޫޢަށް ހޭދަވާނެ ޚަރަދަށް ބަލާ އިރު 29،232،774 މިލިއަން އެމެރިކާ ޑޮލަރު ބިން ހިއްކުމަށް ހަރަދުވާނެކަމަށް ކަނޑައެޅިފައިވެއެވެ. އަދި 36.5 މިލިއަން އެމެރިކާ ޑޮލަރު ރިވެޓްމަންޓު ޖެހުމަށް ހަރަދު ކުރުމަށް ހަމަޖެހިފައިވެއެވެ.

މި މަޝްރޫޢަށް އެޑްވާންސްކޮށް ފައިސާ ދައްކާކަށް ނުޖެހޭކަމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން އަމަލީ ގޮތުން މި މަސައްކަތް ފެށޭކަށް މާ ގިނަދުވަހެއް ނުނަގާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ކަނޑައެޅިފައިވާ ފައިސާ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން އެޓޯލް ވާކްސް ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށް ހަމަޖެހިފައިވަނީ ހިއްކާ ރަށްތައް ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީއިންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-