-Advertisement-

-Advertisement-

މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުން ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖައްސައިފި

ދަރުމަވަންތަ ހޮސްޕިޓަލް – ފޮޓޯ: ދި އެޑިޝަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ސުކޫލް އޮފް މެޑިސިންގައި ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުންގެ ކިޔެވުން ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށް ގެންދެވޭނެ އިންތިޒާމު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ހަމަޖައްސަވައިދެއްވައިފިއެވެ.

މީގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އާއި އައިޖީއެމްއެޗާ ދެމެދު ހެދުނު އެއްބަސްވުމެއްގެ ދަށުން އެ ޔުނިވާސީޓީގެ ދަރިވަރުން ކިޔެވުމަށް ދަރުމަވަންތައިން ވަކި ބައެއް 10 އަހަރު ދުވަހުގެ މުއްދަތަށް އެ ޔުނިވާސިޓީއަށް ދިނުމަށް އައިޖީއެމްއެޗުން ވަނީ އެއްބަސްވެފައެވެ. އެގޮތުން އެ ޔުނިވާސިޓީއަށް ދޫކުރަން ނިންމާފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 8 ވަނަ ފްލޯއާއި 14 ވަނަ ފްލޯއެވެ. މިއީ 2018 ވަނަ އަހަރު ހެދުނު އެއްބަސްވުމެކެވެ.

ދާދި ފަހުން ވަނީ މި އެއްބަސްވުން އުވާލާފައެވެ. އެހެންކަމުން ދަރުމަވަންތަ ހޮސްޕިޓަލުގައި ހުރި ޤައުމީ ޔުނިވާސިޓީގެ ވަސީލަތްތައް އަނބުރާ ޔުނިވާސިޓީއަށް ބަދަލުކުރަން ވެސް ވަނީ ފަށާފައެވެ. މި ކަމުގެ ކަންބޮޑުވުން ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން ވަނީ ރައީސް އޮފީހަށް ގެންގޮސްފައެވެ. އެގޮތުން ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން މިނިސްޓަރާ އެ ޔޫނިއަންގެ މަންދޫބުން ބައްދަލު ކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

އިއްޔެ ރައީސް އޮފީހުން ވަނީ ޑރ މުޙައްމަދު މުއިއްޒު މިކަމާ ގުޅޭގޮތުން ނިންމެވިނިންމެވުން އާންމު ކޮށްފައެވެ. އެގޮތުން ކުރިއެކޭ ވެސް އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުގައި އެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދަން ރައީސުލްޖުމްހޫރިއްޔާ ޑރ  މުޙައްމަދު މުއިއްޒު ހަމަޖައްސަވައި ދެއްވައިފިކަން ރައީސް އޮފީހުން ހާމަކުރިއެވެ. ރައީސް އޮފީހުން މި ކަން ހާމަ ކުރީ މި ކަމާ ގުޅިގެން އިއްޔެ އެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ.

ރައީސް އޮފީހުން އިތުރަށް ބުނެފައިވާ ގޮތުގައި މިހާރު އެ ދަރިވަރުންނަށް ތަޢުލީމު ހާސިލުކުރަން ބޭނުންވާނެ ޒަމާނީ ވަސީލަތްތަކާއެކު ދިރާސާތައް ވެސް ކުރެވޭނެ ޚާއްޞަ ތަޢުލީމީ ބިނާއެއް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-