ދިވެހިރާއްޖޭގައި ކުށް ކުރަ ކުޑަކުދިން ކުށުގެ ވެށިން ނެރެ މުޖުތަމަޢަށް ފައިދާ ކުރަނިވި ކުދިންތަކެއް ކަމުގައި ހެދުމުގެ ގޮތުން އެ ފަދަ ކުދިންނަށް ބޭނުންވާ ރިހެބިލިޓޭޝަން ދިނުމަށް ހޯޕް އައިލެންޑް ގެ ނަމުގައި ޚާއްސަ ރަށެއް ގާއިމްކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މިހާރު ކުރިއަށްދާ ހޯމް ނިމިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައު ވާހަކަ ދައްކަވަމުން މިނިސްޓަރ އަލީ އިހްސާން ވިދާޅުވީ، ދިވެހިރާއްޖޭގައި ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނަ ކުރުމަށްޓަކައި ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ދަށް ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން، ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.
އެގޮތުން މި ނިންމުމަކީ އެއްވެސް ހާލެއްގައި ކުޑަކުޑިން ޖަލަށް ލުމަށް ކުރެވޭ ކަމެއް ނޫންކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، 12 އަހަރުން ފެށިގެން ކުށުގެ ވެށިން ފެންނަ ކުދިންނާއި ކުށުގެ ވެށްޓަށް ހުށަހެޅިދާނެކަމަށް ފެންނަ ކުދިންގެ އިތުރުން ދޭތެރެ ދެތެރެއިން އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދީ އެކުދިން ކުށުގެ ވެށްޓާއި ދުރު ކުރުވުމަކީ މި ނިންމުން ނިންމުމުގެ މަޤްސަދެއް ކަމަށެވެ.
” މި އުމުރުފުރާ ތިރި ކުރުމުގެ ސަބަބުން އެ ކުދިންނަށް ބޭނުންވާ ރިހެބިލިޓޭޝަން ހިންގުމުގެ ގާނޫނީ ބާރު އަޅުގަނޑުމެންނަށް އެބަ ލިބިގެންދޭ – މިނިސްޓަރ އިހްސާން
އެގޮތުން އެފަދަ ކުދިންނަށް ރިހެބިލިޓޭޝަން ދިނުމަށްޓަކައި ވަކިން ޚާއްސަ ރަށެއް ކަނޑައަޅައި އެ ރަށުގައި ދީނީ ތައުމީމުގެ އިތުރުން ކުޅިވަރުތަކާއި އެހެނިހެން ހުނަރުތައް ދަސްކޮށްދީ އެކުދިންނަކީ ބޭނުންތެރި ކުދިންތަކަކަށް ހެދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
އަދި އެރަށަށް ޚާއްސަ ނަމެއްގެ ގޮތުގައި ހޯޕް އައިލެންޑް ކިއުމަށް ހަމަޖެހިފައިވާކަމުގައިވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.