ރާއްޖޭގެ ހުރިހާ އާއިލާތަކުގެ ހާލަތު ދެނެގަތުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން “ހާލު ކިހިނެތް؟” ނަމުގައި ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ.
މިކަން ހާމަކޮށް ޕީއެސްއެމް އަށް ދިން އިންޓަރވިއު އެއްގައި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ އާއިޝަތު ޝިހާމް ވިދާޅުވީ، މި ޕްރޮގްރާމަކީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމްގެ ދަށުން، މި އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ހުރިހާ އާއިލާތަކަށް ޒިޔާރަތްކޮށް ހާލު ބެލުމަށް ހަމަޖެހިފައިވާކަމަށެވެ.
އެގޮތުން މި ޒިޔާރަތްކުރުންތަކުގައި، އެ އާއިލާތަކުގެ ދަތިތަކާ ހާލު ދެނެގަނެވި، އެ ފަރާތްތަކުގެ ދަތިތަކަށް ހައްލެއް ހޯދުމަށް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށާއި، މި މަސައްކަތުގެ ސަބަބުން ކުޑަކުދިންނަށް ނުރައްކާތައް ކުރިމަތިވާ ހާލަތައްތަކާއި ގެވެށި އަނިޔާ ފަދަ އަމަލުތައް ދެނެގަނެވި އެކަން މަދުކުރެވިގެން ދާނެ ކަމަށް ޝިހާމް ވަނީ ވިދާޅުވެފައެވެ.
އެހެން މަސައްކަތް ކުރެވިއްޖިއްޔާ އަޅުގަނޑުމެންނަށް ބޮޑު ނުރައްކަލެއްގަ އެހެންނޫނީ ހިއްދަތިކަމެއްގަ އުޅޭ ކުދިން ކުއްލި ކުއްލިއަށް ފެންނާކަށް ނުޖެހޭނެ ދެއްތޯ، އިރާދަކުރެއްވިއްޔާ މި އަންނަ ހަފުތާ ތެރޭގައި އެ މަސައްކަތް ފެށިގެން ދާނެ – ވަޒީރު
މީގެ އިތުރުން ކަންކަން ދިމާވުމުގެ ކުރިން އެކަމަށް އެކަށެނެ ފިޔަވަޅު އެޅުމަކީ މި ޕްރިގްރާމްގައި ޚާއްސަ ސަމާލުކަމެއްދޭކަމެއްކަން ވަޒީރު ވަނީ ފާހަގަ ކުރައްވައިފއެވެ.
މިއީ ދޮށީ އުމުރުގެ މީހުންނާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުމުގެ އަމާޒުގެ ދަށުން، އާއިލާތަކުގައި ރައްކާތެރިކަން ބޭނުންވާ މީހުންގެ ހާލަތު ދެނެގަނެ ސިޔާސަތުތައް ބައްޓަންކުރުމަށްޓަކާ މިފަދަ ޕްރޮގްރާމެއް ހިންގޭ ފުރަތަމަ ފަހަރެވެ.