ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އިމާރާތްކުރި ހިޔާ ޓަވަރުތަކުގެ މެއިންޓެނެންސް އާއި ގުޅުންހުރި މަސައްކަތްތައް ހަތަރު ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
މިކަން ހާމަކުރައްވައި ޕީއެސްއެމް ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޑީސީގެ ޖެނެރަލް މެނޭޖަރު އިސްމާއީލް އަގީލް ވިދާޅުވީ، މީގެ ކުރިން ހިޔާ ޓަވަރުތަކުގެ 56 ލިފްޓްގެ މެއިންޓެނެންސް 2 ކުންފުންޏަކުން ކުރަމުން އައި ނަމަވެސް، މި ޚިދުމަތް އަވަހަށްދީ އެފިޝިއެންޓް ކުރުމަށް މިހާރު ހަތަރު ކުންފުންޏަކާއެކު ކޮންޓްރެކްޓް ހެދިފައިވާނެ ކަމަށެވެ.
ނަމަވެސް ހިޔާ ފްލެޓްތަކުގެ މެއިންޓެނެންސް މަސައްކަތް ހަވާލުކުރި ކުންފުނިތަކުގެ ތަފްސީލު އޭނާ ނުދެއްވައެވެ.
ހިޔާ ފެލްޓްގައި އިތުރު ލިފްޓް ހަރުކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވެ ވަޑައިގެން ވައުދުފުޅުގެ ދަށުން ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް އޭޕްރިލް މަހު ވަނީ ފަށާފައެވެ.
މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހުން ފާސް ކުރި ބަޖެޓުގައި ވަނީ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރު ކުރަން 200 މިލިއަން ރުފިޔާ ހިމަނައިފައެވެ. ކޮންމެ ޓަވަރަކަށް އިތުރު ކުރާ ދެ ލިފްޓުގެ ތެރެއިން އެއް ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑު ލިފްޓެކެވެ. ދެވަނަ ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެކެވެ.