މާލޭގެ ހަތަރު ސަހަރާއެއް ޕާކިން އޭރިއާއަށް ބަދަލުކުރުމުގެ މަސައްކަތް ކުރާކަމަށް މާލޭ ސިޓީގެ މޭޔަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ ރޭ ވީޓީވީގައި ބޭއްވި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. އާޒިމް ވިދާޅުވީ މާލޭގައި ދިމާވެފައި އޮތް ޕާކިން މައްސަލައަށް ހައްލު ގެނައުމަށް ބައެއް ގަބުރުސްތާނުތައް ޕާކިން އޭރިއާތަކަށް ބަދަލު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން މިހާރު ވެސް ގެންދަވާ ކަމަށެވެ. އެގޮތުން މާލޭގެ ހަތަރު ސަހަރާއެއްގައި ޕާކިން އޭރިއާ ހެދުމަށްޓަކައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ފަތުވާ މާލެ ސިޓީ ކައުންސިލަށް މިހާރު ވަނީ ލިބިފައިކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ލަފާގެ ދަށުން ޕާކިން އޭރިއާ ހެދުމަށް މިހާރު މަސައްކަތް ކުރާ ސަރަހައްދުތައް ހާމަކުރަމުން އާޒިމް ވިދާޅުވީ މައްޗަންގޮޅި ސަހަރާގެ ކަންމަތީން ބަޔަކާއި، ގަލޮޅު އަދި މާފަންނު ސަހަރާގެ ތެރެއިން ބަޔަކާއި ހެންވޭރު ސަހަރާގެ ބައެއް ކަނޑައެޅިފައިވާކަމަށެވެ.
އާޒިމް ވިދާޅުވާ ގޮތުގައި މި މަސައްކަތަށް ވަރަށް ބޮޑު ބަޖެޓެއް ބޭނުންވާނެއެވެ. އެހެންނަމަވެސް މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވިއްޖެ ނަމަ މިހާރު މި އޮތް ޕާކިންގް މައްސަލަ ކޮންމެވެސް ވަރަކަށް ހައްލުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ މި ޕާކިންގް އޭރިއާތަކުގެ އިތުރަށް އެ ސަރަހައްދުތަކުގައި ޕާކުތަކެއް ވެސް ގާއިމުކުރެވޭނެކަމަށެވެ.
ޖަމާލުއްދީން ސްކޫލުގެ ޕާކިން އޭރިއާ ހެދުމުގެ މަސައްކަތުގެ ޑިޒައިންގެ މަސައްކަތް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިހާރު ވަނީ ފަށާފައެވެ. ހަމައެހެންމެ މީގެ އިތުރުން ވެސް ޖުމްލަ 12 ވަރަކަށް ޕްރޮޖެކްޓެއް ފަށަން ރާވާފައި އެބަ އޮތްކަން ވެސް އާޒިމް ފާހަގަކުރެއްވިއެވެ.
އާޒިމް ގަބޫލުކުރައްވާ ގޮތުގައި މި މައްސަލަ ހައްލު ކުރުމުގެ ގޮތުން ކުރާ މަސައްކަތުގެ ތެރެއިން، މާލޭގައި ދިމާވެފައިވާ ޕާކިން މައްސަލައިގެ ހައްލު ދެ އަހަރެއްގެ ތެރޭގައި ފެންނާނެއެވެ.