ކ އަތޮޅު ގުޅީފަޅު ހިއްކުން މަޑުޖައްސާލުމަށް ހައި ކޯޓުން މީގެ ކުރިން ނެރުނު އަމުރު ސުޕްރީމް ކޯޓުން އިއްޔެ ބާތިލުކޮށްފިއެވެ.
ހައި ކޯޓުން މި އަމުރު ނެރުނީ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ހައި ކޯޓުން ނިންމީ އެ މައްސަލައިގައި ވަގުތީ އަމުރެއް ނުނެރެފި ނަމަ ތިމާވެށި ހަލާކުވުމުގެ ސަބަބުން ގިނަ ބަޔަކަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. މި މައްސަލަ ކޯޓަށް ހުށަހަޅައިފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ދުވަސްވަރުގައެވެ.
ހައި ކޯޓުން އެ ކަން ހުއްޓުވާފައި ވަނީ އެ މަޝްރޫއު ހުއްޓައިނުލައި ކުރިއަށް ގެންގޮސްފި ނަމަ ތިމާވެށްޓަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތައް ބޮޑުވާނެތީއެވެ. ނަމަވެސް ސުޕްރީމް ކޯޓުގައި ބަންޑާރަ ނައިބުގެ މި މައްސަލަ އިސްތިއުނާފު ކުރެއްވީ މަޝްރޫއު ހުއްޓާލުމުން ދައުލަތަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބެމުންދާކަމަށް ލަފާކުރައްވާފައެވެ.
ހައި ކޯޓުން ގުޅިފަޅު ހިއްކުން ހުއްޓުވަން ނެރުނު ވަގުތީ އަމުރަކީ އެ ފަދަ އަމުރުތައް ނެރުމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލާ ޚިލާފު އަމުރެއް ކަމަށް ސުޕްރީމް ކޯޓުން ހާމަކުރެއެވެ. ވުމާއެކު އެ އަމުރު ބާތިލްކުރާ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ހުކުމްގައިވެއެވެ.
މި މަޝްރޫއާ ގުޅިގެން ހައިކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނީ ތިމާވެށީގެ އެކްޓިވިސްޓެއް ކަމަށްވާ ހުމައިދާ އަބްދުލްގަފޫރެވެ. އޭނާގެ ބަޔާނުން މި މަޝްރޫއާ ގުޅިގެން ތިމާވެއްޓަށް ލިބޭ ގެއްލުންތަކަކީ ދާއިމީ ގެއްލުންތަކެއްކަން ސާބިތުކޮށްދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައިވެއެވެ.