ނުރައްކާތެރި ހާލަތަކަށް ވެއްޓިފައި އޮތް ރާއްޖޭގެ އިޤްތިޞާދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބަދަލުކޮށްދެއްވައިފި ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދަށް އިތުބާރާއި ކުރިއެރުން ރައީސް ގެނެސްދެއްވާފައިވާކަމަށެވެ.
މީގެ ކުރިން ރައްޖޭގެ ހާލަތު އޮތް ގޮތަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ވިދާޅުވީ ފައިސާ ޗާޕު ކުރަންޖެހޭ ފަދަ ހާލަތެއްގައި ރާއްޖޭގެ މާލީ ހާލަތު އޮންނަން ރައީސް މުޢިއްޒު ބޭނުންފުޅު ނުވާކަމަށެވެ. ހަމައެހެންމެ ރައީސްގެ މަސައްކަތްޕުޅަކީ ތެދުވެރި، ހިންގުންތެރި އަދި ރާއްޖެއަށް ފައިދާކުރަނިވި މަސައްކަތްޕުޅެއްގެ ގޮތުގައި މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ.
މިހާރު ރާއްޖޭގެ އިކޮންމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުޙައްމަދު ސައީދަކީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.