އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތްލީޓު ފާތިމަތު ދީމާ އަލީއަށް ރާއްޖެއިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އޮލިމްޕިކްސްއަށް ދީމާ ކޮލިފައިވެފައިވަނީ ދެކުނު އޭޝިއާ ސަރަހައްދުގެ ކޮލިފައިން ބުރުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. މި ފަހުރުވެރި ކާމިޔާބީއަށް ފަހު ދީމާ ރާއްޖެ އައީ އިއްޔެއެވެ. ދީމާއަށް މަރުހަބާ ކިޔުމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުޙައްމަދު އަބްދުއް ސައްތާރު އަދި ޓީޓީ އެސޯސިއޭޝަންގެ އިސް ފަރާތްތައް ވެސް ވަނީ އެ ސަރަހަށްދަށް ވަޑައިގެންފައެވެ.
ދީމާގެ ކާނމިޔާބީ ފާހަގަކުރުމަށް އިއްޔެ ސޯޝަލް ސެންޓަރުގައި ވަނީ ޚާއްޞަ އިވެންޓެއް ވެސް ބާއްވައިފައެވެ. ދީމާއަށް ތާއީދު ކުރާ ގިނަ ބައެއްގެ އިތުރުން ރާއްޖޭގެ ބައެއް އެތުލީޓުން މި އިވެންޓްގައި ބައިވެރިވިކަން ފާހަގަކޮށްލެވެއެވެ. އެ އިވެންޓްގައި ވާހަކަދައްކަވަމުން ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު ވަނީ ދީމާއަށް ފޯކަސްކޮށް މިނިސްޓްރީ އާއި އެމްއޯސީ އަދި އެސޯސިއޭޝަނުން ގިނަ މަސައްކަތްތަކެއް ކުރިކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން މި ކާމިޔާބީ އަކީ އެތައް އަހަރުތަކެއްގެ މަސައްކަތްކަން އެ ބޭފުޅާ ފާހަގަކުރެއްވިއެވެ.
މީގެ ކުރިން ވެސް ދިމާ ވަނީ އެތައް ރަން މެޑަލެއް ހޯދައިފައެވެ. އެގޮތުން 2019 ވަނަ އަހަރުގެ އައިއޯއައިޖީގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިމުން ފާހަގަކޮށްލެވެއެވެ. އެއިރު ދީމާގެ އުމުރުން އެންމެ 11 އަހަރެވެ.