އިޒްރާއީލުން ފަލަސްތީނުގެ ރަފާގައި އަލަށް ފަށައިފައިވާ ހަމަލާތަކާއެކު، އެ ސަރަަހައްދަށް ބޭހާއި ސިއްޙީ އެއްވެސް ސާމާނެއް ނުލިބޭތާ 10 ދުވަސް ވެފައިވާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ހާމަކޮށްފިއެވެ.
ޑަބްލިއުއެޗްއޯގެ ތަރުޖަމާނު ތާރިކް ޖަސާރެވިޗް ހުކުރު ދުވަހު ވިދާޅުވިގޮތުގައި, އިޒްރާއިލުން ރަފާ ކްރޮސިންގ ބަންދުކޮށްފައިވުމުން 6 މެއި ގެ ފަހުން ޣައްޒާގެ ސަރަހައްދަށް އެއްވެސް ބޭހެއް ނުވަތަ މެޑިކަލް ސާމާނެއް ލިބިފައި ނުވެއެވެ.
ހަމާސްއާ ދެކޮޅަށް ކުރަމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކުރުމަށް އިޒްރާއީލު ސިފައިން ރަފާ ސިޓީއަށް ވަދެފައިވަނީ މި މެއި މަހުގެ ހަތް ވަނަ ދުވަހުއެވެ. އަދި މިހަމަލާތައް ފެއްޓުމާއެކު އިޒްރާއީލް ސިފައިންވަނީ, މިސްރުގެ މަގުން އެހީގެ ސާމާނު އެތެރެކުރާ މުހިންމު މަގެއް ކަމުގައިވާ ރަފާ ކްރޮސިން ބަންދުކޮށްފައެވެ.
ޖަސާރެވިޗް ވިދާޅުވީ މީގެ އިތުރުން އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކްލިނިކްތަކާއި ހޮސްޕިޓަލްތައް ހިންގުމަށް ބޭނުންވާ ތެލުގެ މައްސަލަ ކަމަށެވެ. ޣައްޒާގެ ސިއްހީ މަރުކަޒުތައް ހިންގަމުން ގެންދިއުމަށް މަހަކު 1.8 މިލިއަން ލީޓަރުގެ ތެޔޮ ބޭނުންވެއެވެ. ތެލުގެ ދަތިތަކާއެކު ފަލަސްތީނުގެ މުޅި ސަރަހައްދުގައި ހުރި 36 ހޮސްޕިޓަލުގެ ތެރެއިން މިވަގުތުގައިވެސް ހިންގަމުން އަންނަނީ އެންމެ 13 ހޮސްޕިޓަލެކެވެ.
އިޒްރާއިލުން ފަލަސްތީނުގައި ކުރަމުންދާ ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ފަލަސްތީނުގެ 35،300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކުރެއެވެ. އަދި އޭގެ ތެރެެއިން ގިނަ މީހުންނަކީ ފަލަސްތީނުގެ އާންމު ރައްޔިތުންނެވެ.