އަނބު ލިބޭ މިންވަރު އިތުރުވެ ބާޒާރުގައި އަނބުގެ އަގު ދަށަށް ހިނގައްޖެއެވެ.
މިހާރު މުޅި ބާޒާރު ވަނީ ދޮން އަނބުން ރީނދޫ ވެފައެވެ. އަނބު ނެތް ގޮޅިއެއް މިހާރު ބާޒާރުގައި މަދުވާނެއެވެ.
އަނބު ކިލޯއެއްގެ އަގު މިހާރު އުޅެނީ 50 ރުދިޔާއަށެވެ. އަދި 12 އަނބާއި 15 އަނބާ ދެމެދުގެ އަދަދަކަށް އަނބު ހިމެނޭ ކޮތަޅު 100 ރުފިޔާއަށް ބައެއް ފަރާތްތަކުން ވިއްކަމުން އަންނަކަން ވެސް ފާހަގަކޮށްލެވެއެވެ.
ބާޒާރުގައި މަސައްކަތް ކުރާ ވިޔަފާރިވެރިން ހާމަކުރާ ގޮތުގައި މިއީ އަނބު މޫސުމެވެ. ހަމައެހެންމެ ޖުމްލަގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކުން މާލެއަށް އަނބު އެތެރެ ކުރަމުން އަންނަކަމަށާއި މި ދުވަސްވަރު އެންމެ ގިނައިން އަނބު އެތެރެ ކުރަނީ ފުވައްމުލަކުންނާއި ހުވަދޫއިން ކަމަށް ވެސް އެ ފަރާތްތަކުން މައުލޫމާތުދެއެވެ.
ރާއްޖޭގައި އަނބުގެ ޑިމާންޑް އެންމެ ބޮޑުވާކަމަށް ފާހަގަކޮށްލެވެނީ ރަމަޟާން މަހުގައެވެ.