-Advertisement-

-Advertisement-

ލުއިވި ތަންކޮޅު އަނެއްކާ ބަރުވީތަ؟ މިއޮތީ ހައްލު!

ބަރުދަން ލުއި ކުރުމަކީ އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެކަމަކު ބުރަ މަސައްކަތުން ބަރުދަން ލުއިކޮށްފައިވާ ކޮންމެ މީހަކުވެސް ބަރުދަން އަލުން އިތުރުވުމުން ދުރުހެލިވުމަކީ މާބޮޑު ގޮންޖެހުމެއްކަން ގަބޫލުކުރާނެއެވެ. މިއީ ބަރުދަން ލުއި ކުރުމުގައި ކޮންމެ ގޮތަކަށް އަމަލުކުރިޔަސް ތެދެކެވެ. އެކަމަކު މިއީ އާންމުކޮށް ގިނަމީހުންނަށް ދިމާވާ ކަމަކަށް ވީނަމަވެސް، މިކަމަށް ހައްލު ހޯދޭނެ ބައިވަރު ގޮތްތައްވެސް މިހާރުގެ ދިރާސާތަކުން ފެންނަން އެބަހުއްޓެވެ.

1. ފްލެކްސިބަލް ވުން
ދުޅަހެޔޮ ބަރުދަނެއްގައި ހިފެހެއްޓުމަކީ އަހަރެމެން އެންމެންނަށްވެސް މުހިންމު ކަމެކެވެ. އެކަމަކު ހަރުކަށި އުއްމީދުތަކާއި އެކު ދިރިއުޅުމުގެ ވައްޓަފާޅި އަށް އަންނަ ބަދަލުތަކަށް އަބަދާއި އަބަދު ފުރިހަމަ އަށް ތަބާވެވޭނެކަމަށް ދެކުމަކީ ކުށްހީއެކެވެ. “ޗީޓް ޑޭ” ކޮންމެ މީހަކަށްވެސް އަންނާނެއެވެ. އަމިއްލަ ނަފްސު ކުށްވެރިނުކޮށް އަލުން ރޫޓީން އަށް ދިއުމަށް ޕްލޭންކޮށްލާށެވެ. ހަފްތާ ބަންދުގައި މާގިނައިން ކެވިއްޖެހެން ހީވާނަމަ ކުރިއަށް އޮތް ހަފްތާގައި އިތުރު 2 ދުވަހު ދުވެލާށެވެ. މިގޮތަށް ކަންތައް ކުރުމުން “ކުރަންޏާ ހުރިހާ ކަމެއް، ނުކުރަންޏާ އެއްވެސް ކަމެއް ނުކުރުން” ޙިޔާލާއި ދުރުވެ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި އިތުރަށް ހިތްވަރު ލިބިގެންދާނެއެވެ.

2. ޑިސްޓަޕްޝަންތަކަށް ތައްޔާރުވުން
ވަކި މިންގަނޑެއްގައި ހިފަހައްޓައި ޤަވާއިދުން ކުރާ ކަންތައްތަކާއި ޚިލާފަށް، އެކަމަށް ބުރޫ އަރާނެ ކަންކަން އަންނާނެކަމަށް ބަލައި މިދަފަ ކަންކަމަށް ޕްލޭންކުރާށެވެ. ބަންދު ދުވަސްތަކުގައި ބޭރުގައި ވަގުތު ހެދަކުރާނެއެވެ. އާއިލާ އާއި ރަޙްމަތްތެރިންގެ އުފަންދުވަހުގެ ޕާޓީތަކާއި ކައިވެނި ހަފްލާތަކުގެ ދަޢުވަތު ކާޑުތައް ލިބެމުންދާނެއެވެ. މުހިންމީ އާއިލާ އާއި ގާތްމީހުންނާއި އެކު މިގޮތަށް ލިބޭ ފުރުސަތުތަކުގައި ވަގުތު ހޭދަކުރުމެވެ. ވީމާ ކެއުމުގަ އާއި ކެއުންތަކަށް ތައްޔާރުވުމުގައި މިކަންކަމަށް ސަމާލުވާށެވެ.

3. ތީމާގެ ކާމިޔާބީތަކާއިމެދު ފަޚުރުވެރިވުން
ބަރުދަނަކީ ވެސް އުމުރާއިއެކު ތަފާތުވެގެންދާ އެއްޗެކެވެ. އަބަދު ސްކޫލު ދައުރުގައި ހުރި ބަރުމިނުގައި މީހާ ނުހުންނާނެއެވެ. ވީމާ ބަރުދަނަށް އައި ބަދަލުތައް ހައްލުކޮށް މީހާ ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ހާސިލްކުރެވޭ ހުރިހާ ލަނޑުދަނޑިތައް ފާހަގަކުރަންވާނެއެވެ. މިކަމުގައި ސަމާލުކަންދޭންވީ ނެރެވޭ ނަތީޖާއަށް ވުރެ އެނަތީޖާ އާއި ހަމައަށް ދިއުމަށް ކުރެވުނު މަސައްކަތްތަކަށެވެ.

4. ރަނގަޅު އާދަތަކުގައި ހިފެހެއްޓުން
ރަނގަޅު އާދަތަކުގައި ހިފެހެއްޓުމަކީ ބަރުދަން ހިފެހެއްޓުމަށްވެސް މުހިންމު ކަމެކެވެ. މީހާގެ މޯޓިވޭޝަން ދަށްވާ ދުވަސްތަކުގައިވެސް އާދަތަކުން އެހީތެރިކަން ލިބިގެންދާނެއެވެ. އާދަވެފައިވާ ކަންތައްތަކުން ހިތްވަރު ލިބިގެން އަމިއްލަ އަށް އެހިތަވަރު ހޯދަން އުނދަގޫ ދުވަސްތަކުގައި ވެސް ބޭނުންވާ ލަނޑުދަނޑިތައް ހާސިލް ކުރުމަށް މަސައްކަތް ކުރެވޭނެއެވެ.

5. ހަރަކާތްތެރިވުން
މީހާގެ ބަރުދަން ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް އެންމެ ބޮޑަށް އެހީތެރިވެދޭނެ އެއްކަމަކީ ހަރަކާތްތެރިވެ އުޅުމެވެ. ބަރުދަން ވަކި މިންގަނަޑެއްގައި ބެހެއްޓުމަށް އެންމެ ރަނގަޅު ހަރަކާތަކީ ތިމާ އަށް އެންމެ ކަމުދާ ހަރަކާތަށް ނުވަތަ ކަސްރަތަށް ހަދާށެވެ. އޭރުން ފޫހިކަމެއްނެތި ގިނަ ދުވަހު އެމީހަކަށް ކުރެވޭނީ އެމީހަކަށް އެންމެ ކަމުދާ ހަރަކާތަށްވާތީއެވެ.

ލުއިކުރެވޭ ބަރުދަން އަލުން އިތުރުވާ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. މިސާލަކަށް ބަރުދަން ވަކި މިންގަނޑެއްގައި ހިފެހެއްޓުމަކީ ބަރުދަން ލުއި ކުރަން މަސައްކަތްކުރާ އިރާއި އެއްވަރަށް މޯޓޮވޭޝަން އައުން ކުޑަ ކަމެކެވެ. މީގެއިތުރުން ބަރުދަނަށް ގެނެވޭ ބަދަލުތައް ހިފެހެއްޓުމަށް ދިރިއުޅުމަށް ގެނެވޭ ބަދަލުތަކުގައި ހިފަހައްޓައި ދެމެހެއްޓުމަކީ ގިނަ މީހުންނަށް އުނދަގޫ ކަމެކެވެ. ޤުދުރަތީ ސަބަބުތައް ވެސް މިކަމުގައި އެބަހުއްޓެވެ. ބަރުދަން ލުއިވުމަކީ ބަނޑުހައި ހޫނުކަމުގެ ހޯމޯންތައް އުފެއްދުން އިތުރުވުމަށް މަގުފަހިކޮށްދޭ، އަދި މެޓަބޮލިޒަމް ލަސްކޮށްދޭ ކަމެކެވެ. ވީމާ، ވަގުތު ފާއިތުވަމުންދާ ވަރަކަށް ބަރުދަން އަލުން އިތުރުވުމުގެ ފުރުސަތު އިތުރުވަމުންދެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-