މި މަހުގެ 17 ވަނަ ދުވަހު ހެނދުނު ކ ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިޒޯޓަށް 3 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ “AAA-37” ދޯނި އަދިވެސް ނުފެންނަ ކަމަށާއި ދޯނި ހޯދުމަށް ބޮޑު ސަރަހައްދެއް ބެލިއްޖެ ކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ތިން މީހުންނާއެކު، މި މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 06:00 ހާއިރު ކ.ތިލަފުށިން ފުރި އެ ދޯނީގެ ޚަބަރެއް ނުވެގެން، އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އެ ދުވަހުގެ 17:20 ހާއިރު ކަމަށެވެ.
އެގޮތުން ގެއްލުނު ދޯނި ހޯދުމުގެ މަސައްކަތުގައި އިއްޔެ ކަނޑާއި ވައިގެމަގުން، މީމު އަތޮޅު ރަތްމަންދޫގެ އިރުމަތީ ބިތުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެގޮތުން ކަނޑާއި ވައިގެމަގުން 4519 ސްކެއަރ ނޯޓިކަލް މޭލު ސަރަހައްދެއް ބަލާފައިވާއިރު މިހާތަނަށް ބެލިބެލުމުން އަދި އެ ދޯނި ފެނިފައި ނުވާ ކަމަށް އަސްކަރިއްޔާއިން ބުނެއެވެ.
އެ ދޯނިން ދަތުރުކުރީ ބަނގްލަދޭޝްގެ ތިން މީހުންނާއި ދިވެއްސަކާއެކު ޖުމްލަ 4 މީހުން ކަމަށް ދޯނީގެ ވެރިފަރާތުން ވަނީ ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ އިތުރަށް ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފައިވާއިރު ކޮންމެހެން ދަތުރުތައް ނޫނީ، ކަނޑުމަގުން ނުކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.