އީރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރަމުންދިޔަ ހެލިކޮޕްޓަރު އީރާނުގެ އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސްގެ ޖޯލްފާ ކައިރިން ވެއްޓިއްޖެއެވެ.
މިއަދުގެ ވަގުތެއްގައި އީރާނުގެ ރައީސް އަދި އެޤައުމުގެ ޚާރިޖީ ވަޒީރުގެ އިތުރުން ދައުލަތުގެ އެހެން ބައެއް އޮފިޝަލުންނާއި އެކު ދަތުރު ކުރަމުންދިޔަ ހެލިކޮޕްޓަރު ވެއްޓިފައިވާއިރު, އަދިވެސް އެ ހެލިކޮޕްޓަރު ފެނިފައިނުވާކަމަށް އެޤައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ. އޮފިޝަލުން ބުނީ ހެލިކޮޕްޓަރު ހޯދުމުގެ އޮޕަރޭޝަންތައް ކުރިއަށްދާ ކަމަށާއި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އިރާނުގެ އިންޓީރިއާ މިނިސްޓަރު އަހުމަދު ވަހީދީ ދައުލަތުގެ ޓީވީއަށް ކަށަވަރުކޮށްދެއްވި ގޮތުގައި ރައިސީ ގެންދިޔަ ކޮންވޯއީގައި ހިމެނޭ ހެލިކޮޕްޓަރުތަކުގެ ތެރެއިން އެއް ހެލިކޮޕްޓަރު ވެއްޓިފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.
ރައިސީ އަޒަރުބައިޖާނަށް ވަޑައިގެންނެވީ އަޒަރުބައިޖާނުގެ ރައީސް އިލްހާމް އަލީވްއާ އެކު ޑޭމް އެއް އިފްތިތާހު ކުރެއްވުމަށެވެ. މި ޑޭމަކީ އަރާސް ކޯރުގައި މިދެގައުމުން ހަދާފައިވާ ތިން ވަނަ ޑޭމެވެ.