ރަފުލްސް މޯލްޑިވްސް ރިޒޯޓުން ކަޔަކެއްގައި މޫދަށް ފައިބައި އުޅުނު މީހަކު ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގދ. މެރަންދޫގައި ހަދާފައިވާ ރަފެލްސް މޯލްޑިވްސް ރިސޯޓިން މޫދަށް އެރި އުޅުމުގެ ތެރޭގައި ގެއްލިފައި ވަނީ ބަންގްލަދޭޝް މީހެއް ކަމަށް ފުލުހުން ވަނީ މީޑިއާތަކަށް ހާމަކޮށްފައެވެ. އެ މީހާ އަކީ ރިސޯޓުގެ ދޯންޏެއްގައި މަސައްކަތް ކުރާ މީހެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެގެ މެންދުރު ފަހު 3:30 ހާއިރު ކަމަށް ފުލުހުން އިތުރަށް ހާމަކޮށްފައިވެއެވެ.
މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވެސް މޫސުން ގޯސް ދުވަސްވަރެއް ކަމުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ގެންދަނީ ދަތުރުފަތުރު ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރަމުންނެވެ.