ކުރެންދޫ ދާއިރާގެ އިންތިހާބީ މެންބަރު ޝާމިން ހަބީބު ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.
ޝާމިން ޕީއެންސީއާ ގުޅިވަޑައިގެންފައިވަނީ އިއްޔެއެވެ. ޕީއެންސީއިން ވަނީ މި ކަން ހާމަކޮށް އެކްސްގައި ޕޯސްޓެއް ވެސް އާންމުކޮށްފައެވެ. ޝާމިން ޕީއެންސީއާ ގުޅިވަޑައިގެންނެވުމާ ގުޅިގެން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ތަމްސީލު ކުރާ މެންބަރުންގެ އަދަދު 74އަށް އަރާނެއެވެ.
https://twitter.com/pnc_secretariat/status/1792180642903736605ޝާމިން އިންތިހާބު ކާމިޔާކުރައްވާފައި ވަނީ ޖުމްލަ 3 މެންބަރުންނާ ވާދަކުރައްވައެވެ. އެއީ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގާއި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި މިހާރު ވެސް ހުޅުމާލެ ދާއިރާގެ މެންބަރުކަން ކުރައްވާ އަލީ ނިޔާޒް އަދި އަމިއްލަ ގޮތުން ވާދަކުރެއްވި އަބްދުލްގަނީ އަބްދުލް ހަކީމެވެ. އަބްދުލްގަނީ އަބްދުލް ހަކީމަކީ ނިމިދިޔަ ދައުރުގައި ކުރެންދޫ ދާއިރާގެ މެންބަރުކަން ކުރެއްވި ބޭފުޅާކަން ވެސް ފާހަގަކޮށްލެވެއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރާ ޕީއެންސީއިން ވަނީ ސުޕާ މެޖޯރިޓީ ނަގާފައެވެ.