އިއްޔެގެ ވަގުތެއްގައި އީރާންގެ ރައީސް އިބްރާހިމް ރައިސީ ދަތުރު ކުރައްވަމުން ގެންދަވަނިކޮށް ގެއްލުނު ހެލިކޮޕްޓަރުގެ ބައިބައި މިހާރު ފެނި، އެ ޤައުމުގެ ރައީސް، ރައީސީ އަވަހާރަވެފައިވާކަން މިހާރު އީރާނުގެ ދައުލަތުގެ މީޑިޔާއިން އިއުލާނުކޮށްފައިވާއިރު ދެން އުފެދޭ މުހިއްމު އެއް ސުވާލަކީ، އީރާނުގެ ވަލިއްޔުލް އަމުރުކަމުގެ މަޤާމު ދެން ފުރުއްވާނެ ފަރާތަކާއި މެދުއެވެ.
2021 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 3 ވަނަ ދުވަހު އީރާނުގެ ރައީސްކަމާއި ހަވާލުވެވަޑައިގެން އިބްރާހިމް ރައިސީ، އިއްޔެ ހިނގި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި އަވަހާރަވުމާއެކު އީރާނުގެ ޤާނޫނުގެ 131 ވަނަ މާއްދާގައި ބުނާގޮތުން އެ ޤައުމުގެ ވަލިއްޔުލް އަމުރުކަމުގެ މަޤާމާއި ހަވާލުވެވަޑައިގަންނަވާނީ އެ ޤައުމުގެ ނައިބް ރައީސްކަމުގެ މަޤާމުގައި މިވަގުތު ހުންނެވި، މުޙައްމަދު މުޚްބަރެވެ. އަދި އެއީ އެ ޤައުމުގެ ޤާނޫނީ ކަންކަން ނިންމުމުގެ އެންމެ ފަހުބަސް ވިދާޅުވުމުގެ ބާރު ލިބިގެންވާ ޝަރުއީ ދާއިރާގެ އެންމެ އިސްވެރިޔާގެ ރުހުމާއި އެކު ކަމުގައިވާން ޖެހޭނެ ކަމަށް އީރާނުގެ ޤާނޫނުގައި ބުނެފައިވެއެވެ.
އަދި އެ ޤާނޫނުގައި ބުނާގޮތުން، ފުރަތަމަ ނައިބު ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ޝަރުއީ ދާއިރާގެ އެންމެ އިސްވެރިޔާ ހިމެނޭ ކައުންސިލަކުން ގިނަވެގެން 50 ދުވަހުގެ ތެރޭގައި އާ ރައީސަކު އައްޔަން ކުރުމުގެ އިންތިހާބެއް ބޭއްވޭނެ އިންތިޒާމް ހަމަޖައްސަން ޖެހެއެވެ.
އީރަނުގެ ރައީސްކަމުގެ މާޤާމު ފުރުއްވަމުން ގެންދެވަނިކޮށް އަވަހާރަވި އިބްރާހިމް ރައިސީ ފުރުއްވަމުން ގެންދެވި ދައުރު ފުރިހަމަކޮށް އައު އިންތިޚާބެއް ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުއެވެ. އެހެން ނަމަވެސް މި ހާދިސާއަށްފަހު އެ ޤައުމުގެ ޤާނޫނީ ހަމަތަކުގެ މަތިން އައު އިންތިޚާބެއް މި އަހަރުގެ ޖުލައިމަހުގެ ކުރީކޮޅު ބޭއްވޭނެ ކަމަށް ބެލެވެއެވެ.
އީރާންގެ ނައިބް ރައީސް (1) މުޙައްމަދު މުޚްބަރަކީ؟
އުމުރުފުޅުން 68 އަހަރުގެ މުހައްމަދު މުޚްބަރަކީ އީރާނުގެ މި ހިންގަމުން ދާ ރިޔާސީ ދައުރުގެ ނައިބް ރައީސް (1)ވެ. އިއްޔެ ހިނގި ހެލިކޮޕްޓަރު ވެއްތުމުގެ ހާދިސާގައި އެ ޤައުމުގެ ރައީސް، އިބްރާހިމް ރައިސީ އަވަހާރަ ވުމާއެކު އީރާނުގެ ޤާނޫނުގައި ބުނާގޮތުން އެ ޤައުމުގެ ވަލިއްޔުލް އަމުރުކަމުގެ މަގާމާއި ވަގުތީގޮތުން ހަވާލުވެ ވަޑައިގަންނަވާނީ އެ ޤައުމުގެ ނައިބްރައީސް (1)، މުހައްމަދު މުޚްބަރެވެ.
އެ ޤައުމުގެ ޝަރުއީ އެންމެ މަތީ ވެރިޔާ ޢަލީ ޚަމެއިނީ އާއިވެސް ގާތް ގުޅުމެއް އޮންނަ މުހައްމަދު މުޚްބަރު އެ ޤައުމުގެ ވަގުތީ ރައީސްކަމުގެ މަގާމަށް އައްޔަން ކުރެވޭނީ އީރަނުގެ ޝަރުޢީ އެންމެ މަތީ ވެރިޔާގެ ރުހުމާއެކުއެވެ.
މުޚްބަރަކީ މިދިޔަ އޮކްޓޯބަރު މަހު މޮސްކޯއަށް ޒިޔާރަތްކޮށް ރަޝިޔާގެ އަސްކަރިއްޔާއަށް ސަރފޭސް ޓު ސަރފޭސް މިސައިލާއި އިތުރު ޑްރޯން ސަޕްލައިކުރުމަށް އެއްބަސްވި އީރާނުގެ އޮފިޝަލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމަށް އޭރު ރޮއިޓަރސްއަށް މައުލޫމާތު ދިން ފަރާތްތަކުން ބުނެއެވެ.
މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 2010 ވަނަ އަހަރު ވަނީ “ނިއުކްލިއާ ނުވަތަ ބެލިސްޓިކް މިސައިލް ހަރަކާތްތަކުގައި” ބައިވެރިވި ކަމުގެ ތުހުމަތުގައި ދަތިކުރުމުގެ ފިޔަވަޅު އަޅަމުން ދިޔަ ފަރާތްތަކާއި ޖަމާއަތްތަކުގެ ލިސްޓުގައި މޮޚްބަރު ހިމަނައިފަ އެވެ. އެހެން ނަމަވެސް އޭގެ ދެ އަހަރު ފަހުން އެ ލިސްޓުން އޭނާ އުނިކުރިއެވެ.