ލުނބޯ ފެނަކީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުން ބޭނުންކުރާ ބުއިމެކެވެ. މިއީ ގިނަ ސިއްހީ ފައިދާތަކެއް ލިއްބައިދޭ، ވިޓަމިން ސީ އާއި އެންޓިއޮކްސިޑެންޓްސް ހިމެނޭ ފޮނި ބުއިންތަކުގެ ބަދަލުގައި ބުއިމަށް ރަނގަޅު ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭ ބުއިމެކެވެ. މި ލިޔުމުގައި މިހިމަނާލަނީ ލުނބޯ ފެނާއި ބެހޭގޮތުން އެންމެ އާންމުކޮށް ޑައިޓީޝަނުންނާއި ކުރެވޭ ސުވާލުތަކާއި އޫގެ ޖަވާބުތަކެވެ.
ލުނބޯފެން ބުއިމުން ހަށިގަނޑަށް ލިބެނީ ކޮން ފައިދާތަކެއް؟
ލުނބޯފެން ބުއިމަކީ ތަފާތު ގިނަ ފައިދާތަކެއް ކުރާ ކަމެކެވެ. އޭގެތެރޭގައި ހަށިގަނޑަށް ވިޓަމިން ސީ ލިބިގެންދިއުމާއި، ހަކުރު އެކުލެވޭ ބުއިންތައް ބޮވޭ މިންވަރު މަދުކޮށްދިނުމާއި، ކިޑްނީގައި ހިލަ އުފެދުމުން ރައްކާތެރިކޮށްދިނުމާއި، ހަޖަމްކުރުމުގެ މަސައްކަތް އަވަސްކުރުމުގެ އިތުރުން ހަށިގަނޑު ހައިޑްރޭޓްކޮށް ބެހެއްޓުމަށްވެސް އެހީތެރިވެދެއެވެ.
ކޮންމެ ދުވަހަކު ލުނބޯފެން ބޯނަމަ ވާނީ ކިހިނެއް؟
ކޮންމެ ދުވަހަކު 1 ތަށި ލުނބޯފެން ބުއިމަކީ ވަރަށް ގިނަ ޑައިޓީޝަނުން ލަފާ ދެއްވާ ކަމެކެވެ. އެއީ ލުނބޯ ފެނުގެ ސަބަބުން ދިފާއީ ނިޒާމް ވަރުގަދަކޮށްދީ ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށާއި ހަކަތަ އިތުރު ކޮށްދިނުމަށް އެހީތެރިވެދޭތީއެވެ. އަދި ބެލެންސްޑް ޑައިޓްއަކާއި އެކު ކަސްރަތު ކުރާނަމަ، ލުނބޯ ފެނަކީ ބަރުދަން ލުއި ކުރުމުގައިވެސް އެހީތެރިވެދޭ އެއްޗެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ.
ލުނބޯފެނުން ބަނޑުގައިވާ ސަރުބީތައް ވިރުވާލެވޭތަ؟
މިއީ ގިނަބަޔަކު ޤަބޫލުކުރާ ކަމކަށް ވީނަމަވެސް، ބަނޑުގައިވާ ސަރުބީ ވިރުވުމަށް ލުނބޯ ފެނުން އެހީތެރިވެދޭކަމުގެ އެއްވެސް ހެއްކެއް ނެތެވެ. ނަމަވެސް، ލުނބޯ ފެން ބުއިމުން ބަރުދަން ވަކި މިންގަނޑެއްގައި ބެހެއްޓުމަށް އެހީތެރިވެދެއެވެ. އެއީ ލުނބޯ ފެން ބުއިމުން ހަށިގަނޑަށް ފެން އިތުރަށް ލިބިގެންދާތީ އާއި ލުނބީ ފެނުގެ ސަބަބުން ހަޖަމްކުރުމުގެ މަސައްކަތް އަވަސްވެގެން ދާތީއެވެ.
ލުނބޯ ފެނުގެ ނޭދެވޭ އަސަރުތައް!
ލުނބޯ ފެނަކީ އާންމުކޮށް ބުއިމަށް ރައްކާތެރި އެއްޗަކަށް ވީނަމަވެސް ލުނބޯ ފެން ބުއިމުގައި ވިސްނާލަންޖެހޭ ކަންތައްތަކެއްވެސް އެބަހުއްޓެވެ. 2015ގައި ހެދިފައިވާ ދިރާސާއަކުން ދައްކާގޮތުގައި ދިގު މުއްދަތަކަށް ބޭނުންކޮށްފިނަމަ، ލުނބޯގައި ހިމެނޭ ސިޓްރިކް އެސިޑްގެ ސަބަބުން ދަތުގެ ބޭރުގައި ހުންނަ ފަށަލަކަމަށްވާ އެނަމަލް ގިރުމަށް މަގުފަހިކޮށްދެއެވެ. މިކަން ކުޑަކުރުމަށްޓަކައި، ލުނބޯފެން ބުއިމަށްފަހު ހުސްފެން ފޮދަކުން އަނގަ ދޮވެލުމަކީ މިކަމުގެ އަސަރު ކުޑަ ކުރުމަށް ކުރެވިދާނެކަމެކެވެ.
މީގެއިތުރުން ލުނބޯ ފަދަ ސިޓްރިކް އެސިޑް ހިމެނޭ މޭވާގެ ސަބަބުން ބައެއް މީހުންނަށް ގޭސްޓްރިކް އެސިޑް އުފެދޭ މިންވަރު އިތުރުވެ މެއިން ދިލަނަގާގޮތް ދިމާވެއެވެ. ވީމާ މިފަދަ ބުއިމެއް ބޯ މިންވަރު ވަކިމިންގަނޑެއްގައި ހިފެހެއްޓުމާއި އަދި މިފަދަ އުނދަގޫތަކެއ ދިމާވާނަމަ އެކަމަށް ފިޔަވަޅު އެޅުމަކީ މުހިންމު ކަމެކެވެ.