މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމުން އަޙްމަދު ސަމާހު ރަޝީދު ވަކިކޮށްފިއެވެ.
މި ކަން ހާމަކޮށްފައި ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައެއެވެ. ޕީސީބީއިން ބުނެފައިވާ ގޮތިގައި މިފްކޯގެ ސީއީއޯގެ މަގާމުންނާއި މިފްކޯގެ ބޯޑު ޑިރެކްޓަރުންގެ މަގާމުން ސަމާހު މިހާރު ވަނީ ވަކިކޮށްފައެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީއިން ހާމައެއް ނުކުރެއެވެ.
މިފްކޯގެ ސީއީއޯގެ މާގާމަށް ސަމާހު އައްޔަނު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.
ސަމާހު މި ވަގުތު ހުންނެވީ 18 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ތައިލެންޑުގައެވެ.
ޕީސީބީއިން މީގެ ކުރިން ވަނީ ސަމާހު ސަސްޕެންޑް ވެސް ކޮށްފައެވެ. އެއީ އޭނާއާ ގުޅޭ ގޮތުން ކޯޕަރޭޓް ގަވާނަންސްއާ ގުޅުން ހުރި މައްސަލަތަކެއް ފެންމަތިވެފައިވާތީއެވެ. އެގޮތުން މާރިޗު މަހުގެ 18އިން ފެށިގެން އޭޕްރިލް މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ސަމާހު ހުންނެވީ ސަސްޕެންޝަންގައެވެ.
އޭރު ސަމާހާ ގުޅޭ 12 މައްސަލައެއް ޕީސީބީގެ ބޯޑުން ދިޔައީ ބަލަމުންނެވެ. އެއީ:
- ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގައާއި ސިޔާސީ ބޭނުންތަކަށް ބޭނުންކުރުން.
- ކުންފުނީގެ ދާއިމީ މުވައްޒަފުންނަށް ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި ވަޒީފާގެ ބިރުދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުންނަށް ވަޒީފާއާ ބެހޭ ޤާނޫނާ ހިލާފަށް ސަބަބެއް ނެތި މަޤާމާއި މުސާރަ ދަށްކުރުމާއި ސަބަބެއް ނެތި އެހެން ޑިޕާޓްމެންޓުތަކަށާއި ކުންފުނީގެ ސައިޓުތައް ހުންނަ ރަށްރަށަށް ބަދަލު ކުރުން
- ކުންފުނީގެ މުވައްޒަފުން ނެގުމާ ގުޅޭގޮތުން ހަދާފައިވާ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާ ހިލާފަށް ސީއީއޯގެ އާއިލީ ގުޅުން ހުރި ފަރާތްތަކަށާއި ރަށްޓެހިންނަށް ބަޖެޓު ނެތް އިރު ވެސް ވަޒީފާދިނުން
- ޕީސީބީގެ ހުއްދަ ހޯދުމަކާ ނުލައި ކުންފުނީގެ މަގާމުތައް އުފައްދައި އެ މަޤާމުތަކަށް މީހުން އައްޔަނު ކުރުން
- ހެޑު ހަންޓް ކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވާއިދާ ހިލާފަށް، އެއްވެސް ޝަރުތުތަކަށް ބެލުމެއް ނެތި، އިއުލާނު ނުކޮށް މުވައްޒަފުން ނެގުމާއި އިޖުރާތުތައް ފުރިހަމަ ނުކޮށް މުވައްޒަފުން ވެއްދުން
- އުސޫލުތަކާ ހިލާފަށް އެކަށީގެންވާ ތަޢުލީމާއި ތަޖުރިބާއެއް ނެތް ފަރާތްތައް ޑިޕާޓްމަންޓުތަކުގެ ވެރިންނަށް ލުން
- ސީއީއޯގެ ރަސްމީ ދަތުރުތަކުގައި ވަޑައިގަންނަވާ އިރު ކުންފުނީގައި ހެދިފައިވާ ޑެލިގޭޝަން މެޓްރިކްސްއާ ހިލާފަށް ކަމާ ނުބެހޭ މުވައްޒަފުންނާ ކުންފުނި ހިންގުން ހަވާލުކުރުން
- ކުންފުނީގެ އޮޓް ބިޑު ކޮމިޓީ ބަދަލުކޮށް، ބެސްޓް ޕްރެކްޓިސްއާ ޚިލާފަށް ގާތް މީހުން އެ ކޮމިޓީއަށް ލުން
- ކުންފުނީގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލާނެކަމުގެ ބިރުދެއްކުމާއި އިންޓާނަލް އޮޑިޓްގެ މަސައްކަތްތައް މިނިވަން ކަމާއެކު ކުރިއަށް ގެންދިއުމަށް ހުރަސް އެޅުން
- ރަސްމީ ބޭނުމެއްގައި ނޫންގޮތަށް ސީއީއޯގެ އާއިލީ ބޭފުޅުން އޮފީހަށް ގެނައުން
- ކުންފުނީގެ މުވައްޒަފުން ނޫން ފަރާތްތަކަށް، ކުންފުނީގެ ތަންތަނަށް ވަދެ ނުކުމެ އުޅުމުގެ ފުރުސަތު ހުޅުވާފައި ބޭއްވުމާއި ވަސީލަތްތައް ބޭނުން ކުރެވޭ ގޮތް ހަދާފައި އޮތުން
- ކުންފުނީގެ މާލީ ހާލަތު ހުރިގޮތަށް ނުބަލައި ސީއީއޯ ރާއްޖޭން ބޭރު ދަތުރުތައް ކުރުމާއި ދަތުރު ކުރާ އިރު، ބިޒްނަސް ކްލާސް ބޭނުން ކުރުމާއި މަސައްކަތާ ނުގުޅޭ މުވައްޒަފުން ދަތުރުތަކުގައި ބައިވެރި ކުރުން