-Advertisement-

-Advertisement-

އެމްއެމްޕީއާރްސީގެ ޗެއާޕާސަން ނޫރައިން އެ މަޤާމުން އިސްތިއުފާ ދެއްވައިފި

ނޫރައިން ޖަނާހް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޗެއާޕާސަން ކަމުން އައިޝަތު ނޫރައިން ޖަނާހު، އެ މަގާމުން ކުއްލި ގޮތަކަށް އިސްތިއުފާދެއްވައިފިއެވެ.

ދުބާއީގައި އެންމެ ފަހުން ބޭއްވުނު  ވޯލްޑް ޓްރެވަލް އެވޯޑްސް ހަފްލާގެ ހަވާސާގައި މީޑިއާ އަށް އިނގިރޭސި ބަހުން ދެއްވި އިންޓަވިއުއާ އެކުގައި ގިނަ ބައެއްގެ ތައުރީފު ލިބުނު ނޫރައިން އެ މަގާމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.

ނޫރައިން އެ މަގާމުން އިސްތިއުފާ ދެއްވައިފައިވަނީ އެ މަގާމަށް އައްޔަނުކުރެއްވުނުތާ ގާތްގަޑަކަށް ފަސް މަސް މަހުންނެވެ. އެގޮތުން ނޫރައިން އެ މަގާމަށް އައްޔަނުކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

ނޫރައިންއަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހު ދަރިކަނބަލުންނެވެ. އެމްއެމްޕީއާރުސީގެ ޗެއާޕާސަންކަމަށް ނޫރައިން އައްޔަން ކުރީ މިދިޔަ ޑިސެމްބަރު 27 ގައެވެ. ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ވައިސް ޗެއާކަން ވެސް ކުރައްވާ ނޫރައިންއަކީ ލީޑާޝިޕް ކޯޗިން އަދި ކޮންސަލްޓިންގެ މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

ނޫރައިން އެ މަގާމުން އިސްތިއުފާދެއްވިއިރު، ސަރުކާރުގެ ކެބިނެޓުގެ ބައެއް މަގާމުތަކަށް ބަދަލުތަކެއް އައުމުގެ ވާހަކަތަކާއެކު، ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުގެ މަގާމަށް ނޫރައިން އައްޔަނުކުރެއްވުމާ ގުޅޭ ވާހަކަތަކެއް މީސް މީޑިޔާގައި ވެސް ވަނީ ދައުރުވާން ފަށާފައެވެ. އެހެން ނަމަވެސް އެކަމާ ގުޅޭ ގޮތުން ސަރުކާރުން އަދި ރަސްމީކޮށް ބަހެއް ބުނެފައެއް ނުވާއިިރު، ފަތުުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވެސް އެ މަގާމުން ވަކިކުރައްވާފައެއް ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-