މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ދިރާސީ އާ އަހަރުގެ ފުރަތަމަ ތިން ދުވަހުގެ ކިޔެވުން އާންމު ދުވަސްތަކުގެ ދަންފަޅިއަށް ވުރެ ވަގުތު ކުރު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފިއެވެ.
އިއްޔެ އެޑިއުކޭޝަން މިނިސްޓްރީން ރާއްޖޭގެ ހުރިހާ ސުކޫލަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވާ ގޮތުގައި މޫސުން މިހާރު ހުރި ގޮތުން ސުކޫލަށް ހާޒިރުވުން ދަރިވަރުންނަށް ދަތިވާނެތީ އެ ކުދިންނަށް ގެއްލޭ ފިލާވަޅުތައް މަދު ކުރުމަށް ދަންފަޅި ކުރުކުރަން އަންގާކަމަށެވެ.
މިއާއެކު ދަންފަޅި ކުރު ކުރާ ދުވަސްތަކުގައި، ސްކޫލުތަކުން ދަރިވަރުންނަށް ޚާއްޞަކޮށްގެން އިހްތިރާމްކުރުމަށް ލޯބި ޖެއްސުމަށާއި ދުޅަހެޔޮކަމާއި ރައްކާތެރިކަމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް މިނިސްޓްރީން އިލްތިމާސް ކޮށްފައިވެއެވެ. މީގެ އިތުރުން ހަނގާކުރުމާ ދެކޮޅަށް ޕްރޮގްރާމްތަކެއް ހިންގުމަށް ވެސް މިނިސްޓްރީން އިލްތިމާސް ކޮށްފައިވެއެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހުއެވެ. އާދީއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ދަންފަޅި ކުރު ކުރަން އަންގައިފައިވަނީ ދެ ގަޑިއިރާއި ތިން ގަޑިއިރާ ދެމެދުގެ ދިގުމިނަށެވެ. އާންމު ގޮތެއްގައި ދަންފަޅިއެއްގައި ފަސް ގަޑިއިރާއި ހަގަޑިއިރާ ދެމެދު ދަރިވަރުން ކިޔަވައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ރަށްރަށުގައި ކިޔަވާ ބައެއް ކުދިން ވި ވަގުތު ރަށަށް ދެވޭނެ ގޮތެއް ނެތި، މާލޭގައި ތާށިވެފައި ތިބިކަން ފާހަގަކޮށްލެވެއެވެ.