މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިންގުން ވަގުތީ ގޮތުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމް އާއި ހަވާލުކޮށްފިއެވެ.
ބައްސާމާ މި މަގާމު ހަވާލު ކުރީ މީގެ ކުރިން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވި ފާތިމަތު ތައުފީގް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ފާތިމަތު ތައުފީގް މަގާމުން ވަކި ކުރި ސީދާ ސަބަބެއް އަދި އާންމު ކޮށްފައެއް ނުވެއެވެ.
ފާތިމަތު ތައުފީގް މަގާމުން ވަކިކުރުމުގެ ކުރިން އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމު ފުރުއްވި އައިޝާ ނޫރްއައިން ޖަނާހު ވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
މިހާތަނަށް އެކި ގޮތްގޮތުން ލިބިފައިވާ މައުލޫމާތަށް ބަލާ އިރު މީގެ ކުރިން ހުންނެރި އެމްޑީ ފާތިމަތު ތައުފީގާއި އެމްއެމްޕީއާރުސީގެ ބޯޑާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާކަން އެނގެން އެބަ ހުއްޓެވެ. ބައެއް ހަރަކާތްތައް ހިންގުމަށް ހަރަދު ކުރުމުގައި އެ ކުންފުނިން ނިންމާފައިވާ ނިންމުންތަކާ މެދު ބޯޑުގެ ބައެއް މެންބަރުން ނުރުހުން ފާޅުކޮށްފައިވާ ކަމުގެ ވާހަކަތަކެއް މީގެ ކުރިން ވަނީ ދެކެވިފައެވެ.