ފަލަސްތީނަށް ދައުލަތެއްގެ ރަސްމީ ހައިސިއްޔަތު ދީ، ދައުލަތެއް ކަމަށް ބަލައިގަންނަން ނޯވޭ، އަޔަލޭންޑް އަދި ސްޕެއިން އެއްބަސްވެއްޖެއެވެ.
މި ގައުމުތަކުން މި ގޮތަށް ނިންމާފައި މި ވަނީ އެމެރިކާއާއި ހުޅަނގުގެ ބައެއް ގައުމުތަކުން ފަލަސްތީނަށް ދައުލަތެއްގެ ހައިސިއްޔަތު ދިނުމަށް ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގައެވެ.
މި ނިންމުމާ ގުޅިގެން އެ 3 ގައުމުގެ އިސް ވެރިން ވަނީ ނިއުސްކޮންފަރެންސެއް ބާއްވާފައެވެ. އެގޮތުން ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަނެ، އެ ކަން މި ހިނގާ މޭ މަހުގެ 28 ވަނަ ދުވަހު އިޢުލާން ކުރައްވާނެ ކަމަށް އެ 3 ގައުމުގެ އިސް ވެރިން ވަނީ މި ނިއުސްކޮންފަރެންސްގައި ވިދާޅުވެފައެވެ.
އެ ގައުމުތަކުން ދެކޭ ގޮތުގައި ފަލަސްތީނާއި އިޒްރޭލާ ދެމެދު އޮތް މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެވޭނީ މި ގޮތަށް އަމަލުކޮށްގެންނެވެ. ހަމައެހެންމެ އިޒްރޭލަށް ވެސް އޮތް އެންމެ ރަނގަޅު ގޮތަކީ މިއީ ކަމަށް އެ ގައުމުތަކުން ދެކެއެވެ.
އެ ނިއުސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ނޯވޭގެ ބޮޑުވަޒީރު ޖޯނަސް ގާރް ސްޓޯރޭ ވިދާޅުވީ މެދުއިރުމައްޗަށް ސުލްހަވެރިކަން ގެނެސްދެވޭނީ ފަލަސްތީނަކީ ދައުލަތެއް ގޮތުގައި ބަލައިގަނެގެންނެވެ. ހަމައެހެންމެ އިޒްރޭލަށް ވެސް އޮތް އެންމެ މޮޅު ގޮތަކީ އެއީ ކަމަށް ޖޯނަސް ވިދާޅުވިއެވެ.
އަޔަލޭންޑްގެ ބޮޑުވަޒީރު ސިމޮން ހެރިސް މި ނިއުސްކޮންފަރެންސްގައި ވިދާޅުވީ އިތުރު ގައުމުތަކުން މި 3 ގައުމުގެ ނިންމުމަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އޮތްކަމަށެވެ. މީގެ އިތުރުން ސިމޮން ވިދާޅުވީ ހަމާސް އަކީ ފަލަސްތީނުގެ ރައްޔިތުން ނޫން ކަމަށާއި ދެ ދައުލަތް ވަކިން ގާއިމު ކުރެވުމަކީ މުޅި މަޝްރަހަށް ސުލްހަ ގެނެވޭނެ ހަމައެކަނި ގޮތް ކަމަށެވެ.
މި ކަމާ މެދު އުފެދުނު ހިތްހަމަނުޖެހުމުގައި އިޒްރޭލުން ވަނީ އެ 3 ގައުމުގައި ތިބި އިޒްރޭލުގެ ސަފީރުން އަނބުރާ އިޒްރޭލަށް ގެންގޮސްފައެވެ.