އދ ގެ މައި ކޯޓު, އިންޓަނޭޝަލް ކޯޓް އޮފް ޖަސްޓިސް އިން އިޒްރޭލުން ރަފާހްއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ނެރުނު އަމުރަށް އިހްތިރާމްކޮށް ރަފާހްއަށް ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ރަފާހްއަށް އިޒްރާއީލުން ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް އދ ގެ މައި ކޯޓު, އިންޓަނޭޝަލް ކޯޓް އޮފް ޖަސްޓިސް އިން ނެރެފައިވާ އަމުރަށް ރާއްޖެއިން މަރުހަބާ ދަންނަވާކަން ހަމަކުރައްވައި ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިޒްރޭލުން ރަފާޙްގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް ކުރި އަމުރަށް ފުރިހަމައަށް ބޯލަނބަން ޖެހޭނެކަމަށެވެ.
https://x.com/MMuizzu/status/1794028565547347981
މީގެ އިތުރުން ރަފާޙްގެ ބޯޑަރު ހުޅުވައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ވެސް ފަހިކޮށްދޭން ޖޭހެ ކަމުގައިވެސް ރައީސް ކުރެއްވި ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އައިސީޖީގެ މިއަދުގެ ނިންމެވުމަކީ ފަލަސްތީނުގައި ހަމަޖެހުން ޤާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅަކަށްވި ނަމަވެސް ރާއްޖޭން ގަބޫލުކުރަނީ ފަލަސްތީނަކީ މިނިވަން މުސަތަގިއްލު ޤައުމެއްގެ ގޮތުގައި ކަނޑައެޅިގެން ދިއުންކަމުގައިވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ހަމައެޔާއެކު ފަލަސްތީނަށް ފުރިހަމަ ގޮތުގައި ހަމަޖެހުން ޤާއިމުވެގެންދާނީ 1967 ގެ ކުރިން ބޯޑަރު އޮތްގޮތަށް އިރުމަތީ ޤުދުސް ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ގާއިމުވެގެން ކަމުގައިވެސް އެ ޕޯސްޓްގައި ބުނެފައިވެއެވެ.
އައިސީޖީގެ އަމުރު ނެރެފައިވަނީ ޣައްޒާ ހަނގުރާމައާއި ގުޅޭ ގޮތުން އަޅަންޖެހޭ އިމަޖެންސީ ފިޔަވަޅުތަކުގެ ތެރޭގައި ރަފަހް އިން އިޒްރޭލު ސިފައިން ފޭބުމަށް އަމުރުކުރުމަށް ދެކުނު އެފްރިކާއިން އެކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެންނެވެ.