-Advertisement-

-Advertisement-

ސީޕްލޭން ޓާމިނަލް ފުލްމޫން ރިޒޯޓަށް ބަދަލުކުރަނީ

ސީޕްލޭން ޓާމިނަލް – ފޮޓޯ: ޓީއެމްއޭ

މިހާރުގެ ސީޕްލޭން ޓާމިނަލާއި ސީޕްލޭން އޮޕަރޭޝަން ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓަށް ބަދަލު ކުރަން ނިންމައިފިކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު އިއްޔެ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަހަކަފުޅު ދައްކަވަމުންނެވެ. މީގެ އިތުރުން ސީޕްލޭން ޓާމިނަލް ހިއްކާ، އެ ތަނުގައި ޖެޓް ޓާމިނަލެއް އަޅާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެއާޕޯޓަށް މިހާ ބޮޑު ބަދަލެއް ގެންނެވުމަށް ނިންމެވީ އެއާޕޯޓު އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާ ޖާގަ އިތުރުކޮށް، މުޅި އޮޕަރޭޝަން ހަލުއި ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

“މިހާރު ހިންގާ ޓާމިނަލް ބަދަލުވާނީ ޖެޓް ޓާމިނަލަކަށް، އެ ތަނުގެ މޫދު ހިއްކާފައި، އެ ތަނުގައި އަޅާނީ ޑޮމެސްޓިކް ޓާމިނަލް، އެހެންވީމާ ސީޕްލޭން ޓާމިނަލް ބަދަލު ކުރާނީ ފުލްމޫން ރިސޯޓަށް، މި ކަމާ ގުޅޭ މަޝްވަރާތައް ކުރެވެމުންދަނީ،” މިނިސްޓަރު ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އިންޑަސްޓްރީ ރާއްޖޭގައި އޮތް އިރު، މައި އެއާޕޯޓުގެ ލޭންޑިންއާއި ޓޭކް އޮފްގައި ބާރު ބޮޑުވުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ލުއިތަކެއް ހޯދޭނީ ސީޕްލޭން ޓާމިނަލް އެހެން ތަނަކަށް ބަދަލުކޮށްގެން ކަމަށް ގަބޫލު ކުރައްވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖެ ތަރައްޤީ ވަމުން އަންނަ ވަރަކަށް އެއާޕޯޓް ވެސް ދާނީ ތަރައްޤީ ވަމުން ކަމަށާއި، އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުތަކަކީ ނިމޭނެ ކަމެއް ނޫން ކަމަން މިނިސްޓަރު ވިދާޅުވިއެވެ. ހަމައެހެންމެ ތަރައްޤީވަމުން އަންނަ އެހެން ޤައުމުތަކުގައި ވެސް ކަންތައް ކުރަމުންދާ ގޮތަކީ މިއީކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ތަރައްޤީގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ދައުރު އޮތް މިންވަރު ފާހަގަ ކުރައްވާ ސައީދު ވިދާޅުވީ 20 އަހަރުގެ މާސްޓަޕްލޭނެއް ހައްދަވައި، ގާނޫނީ ބާރުވެރިކަން ގެންނަން ފުރަތަމަ ފަހަރަށް އިއުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާކަމަށެވެ.

މިހާރު ބޭނުން ކުރާ ސީ ޕްލޭން ޓާމިނަލް ދުވާލެއްގެމައްޗަށް 4،000 އާއި 6،000 އާ ދެމެދުގެ އަދަދެއްގެ މީހުން ބޭނުން ކުރެއެވެ. ސަރުކާރުން އަންނަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ވެސް މަސައްކަތްކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-