މިނިވަން ވިޔަފާރީގެ އާ އެއްބަސްވުމެއް ރާއްޖެއާ އެކު ގާއިމު ކުރުމަށް އިންޑިއާއިން ބޭނުންވާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މި ގޮތަށް ވިދާޅުވީ އިއްޔެ އިކޮނޮމިކް މިނިސްޓީން ބޭއްވި ނިއުސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ނިއުސްކޮންފަރެންސަކީ އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވުނު ނިއުސްކޮންފަރެންސެކެވެ. ސައީދު ވިދާޅުވި ގޮތުގައި އިންޑިއާއިން ދާދި ފަހުން ވަނީ އިންޑިއާއާއެކު ކުރި މަޝްވަރާތަކެއްގައި އެ ފަދަ އެގްރިމެންޓަކަށް ދާން ޝައުގުވެރިވާކަން ރާއްޖެއަށް ހުށަހަޅާފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، 2004ވަނަ އަހަރު ދެކުނު އޭޝިއާގެ ޤައުމުތަކުގެ މެދުގައި ސައުތު އޭޝިއަން ފްރީ ޓްރޭޑް އެގްރީމެންޓް (ސަފްޓާ) ނަމުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރިކަމަށެވެ. އަދި މި އެއްބަސްވުން އަދިވެސް ދެމި އެބައޮތްކަން ސައީދު ފާހަގަކުރެއްވިއެވެ.
މިހާރު ޗައިނާއާއެކު ގާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފެށޭނީ މި އަހަރު ކަމަށް ލަފާކުރެވޭކަމަށް ވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވީއެވެ.
ކުރިއަށް އޮތް ތަނުގައި ތުރުކީއާއި ރާއްޖެއާއެކު ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރެވިގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިހާރު އެ އެއްބަސްވުމުގެ މަސައްކަތް އޮތީ އެންމެ ފަހުގެ މަރުހަލާގައިކަމަށާއި މި އެއްބަސްވުމުގެ ސަބުބުން ލިބޭނެ އެންމެ ބޮޑު އެއް ފައިދާއަކީ އެ ގައުމަށް މަސް އެކްސްޕޯޓު ކުރާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދިއުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.