ކޯޓުގެ އަމުރާ ޚިލާފުވެ 18 އަހަރު ނުފުރޭ ކުޑަ ދެ އަންހެން ކުދިން މަންމައާ ހަވާލު ނުކުރުމަށް ކުދިންގެ ބައްޕަ ހަމަނުޖެހުން ހިންގައިފިއެވެ.
ށ. ނަރުދޫގައި އިއްޔެ ހިނގި މި ހާދިސާއާ ބެހޭގޮތުން އެ ރަށުގެ މީހަކު ބުނާ ގޮތުގައި ކުދިންގެ މަންމަ އަކީ ކ. ދިއްފުށީ މީހެކެވެ. އަދި އޭނާ ދިއްފުއްޓަށް ދިޔަ ގޮތަށް އެނބުރި ނަރުދޫއަށް ނައިސް އުޅޭތާ މިހާރު 2 އަހަރު ވެދާނެކަމަށް އޭނާ ބުނެއެވެ.
އެ އިރު ވެސް ދަރިން ތިބީ މަންމަ ކައިރީގައިކަމަށް މައުލޫމާތު ލިބެއެވެ. އެ ކުދިން ބައްޕަގެ ކައިރިއަށް ބަދަލު ކުރީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. ކުދިން ބައްޕަ ކައިރިއަށް ބަދަލު ކުރީ ޖެންޑާ މިނިސްޓްރީގެ އެއްބާރުލުން ލިބިގެންނެވެ.
އެހެންނަމަވެސް އެ ކުދިން ބައްޕަ ކައިރީގައި ނަރުދޫގައި އުޅެނިކޮށް ދެ ކުދިން މަންމައާ ހަވާލުކުރަން ކޯޓުން އައު ހުކުމެއް ވަނީ ނެރެފައެވެ. ކޯޓުން މި ގޮތަށް ނިންމި ސަބަބެއް އަދި ސާފެއް ނުވެއެވެ.
އެ ހުކުމަށް ކުދިންގެ ބައްޕަ ވަނީ ދެކޮޅުހަދާފައެވެ. ނަމަވެސް ކޯޓު އަމުރު ތަންފީޒު ކުރުމަށް މިދިޔަ ހުކުރު ދުވަހު އެ ރަށަށް ފުލުހުން ދިޔަކަމަށް އެ ރަށުން މީހަކު މައުލޫމާތު ދިނެވެ. އަދި ކުދިންގެ ބައްޕަގެ އެއްބާރުލުން މި ކަމަށް ނުލިބުމުން ގަދަކަމުން އެ އަމުރު ތަންފީޒުކުރުމަށް ފުލުހުން މަސައްކަތް ކުރާ ވީޑިއޯއެއް އިއްޔެ ހަވީރުއްސުރެ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި ނަރުދޫގެ ބަޔަކު، ކުއްޖާގެ މަންމަ ވަށާލައި ކުދިން ގެންދިއުމަށް ދެކޮޅު ހަދަމުންދިޔަ އިރު ފުލުހުން އޭނާ ހިމާޔަތްކުރެއެވެ. އެ ހަމަނުޖެހުން ހިނގަމުންދިޔައިރު ކުދިން ރޯއަޑު ވެސް އިވެއެވެ.