ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްދަވާފައިވާ އެސްކްރޯ އެކައުންޓްގައި ހުރި 1 މިލިއަން ޑޮލަރު ހޯއްދެވުމަށް އެ މަނިކުފާނު ކުރައްވާ ދައުވާގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން އިއްޔެ އަމުރު ކޮށްފިއެވެ.
ރައީސް ޔާމީން ހައްދަވާފައިވާ އެސްކްރޯ އެކައުންޓަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ގުޅިވަޑައިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހައްދަވާފައިވާ އެކައުންޓެކެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ފައިސާތަކެއް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާތީ ބީއެމްއެލްއިން ވަނީ ރައީސް ޔާމީނާއި އޭސީސީއަށް ރައްދުވާ ގޮތަށް ހައިކޯޓުގައި މައްސަލައެއް އިސްތިއުނާފު ކޮށްފައެވެ. އެހެންކަމުން 2018 ވަނަ އަހަރު ވަނީ ތަޙުޤީޤު ނިމެންދެން އޭސީސީއާއި ޔާމީން ހިމެނިވަޑައިގަންނަވާ ގޮތަށް ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓުގައި ހުރި ޑޮލަރު ދޫނުކުރެވޭ ގޮތަށް ފްރީޒްކޮށްފައެވެ. އެ ފައިސާ ނެންގެވުމުގެ ފުރުޞަތު ލިބިނުލައްވާތީ ޔާމީން ވަނީ އޭސީސީއާއި ބީއެމްއެލްއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރައްވައިފައެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވަނީ މައްސަލައިގެ ދައުވާއަށް ބޭންކުން ޖާވާބުދާރީ ވާން ޖެހޭނެ ކަމަށެވެ. ބީއެމްއެލްއާ ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށް އެ ބޭންކުން ސިވިލް ކޯޓުގައި އިޖްރާއީ ނުކުތާ ނެގި ނަމަވެސް އެ ކޯޓުން ނިންމީ ބޭންކާ ދެކޮޅަށް ދައުވާ ކުރެވޭނެކަމަށެވެ. މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ސިވިލް ކޯޓުގެ ފަނޑިޔާރު އަޒްފާ އަބްދުލް ޤަފޫރު އެ ގޮތަށް ނިންމެވުމާ ގުޅިގެން ބޭންކުން އެ މައްސަލަ ދެން ހުށަހެޅީ ހައިކޯޓަށެވެ. އެ ނިންމުން ބޭންކުން އިސްތިއުނާފް ކުރުމަށްފަހު އިސްތިއުނާފް ނިމެންދެން ސިވިލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރަކަށް ބޭންކުން ވަނީ އެދިފައެވެ.
ހައިކޯޓުން އިއްޔެ ވަނީ އެ މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމުމުގެ ކުރިން ސިވިލް ކޯޓުގައި އޮތް އެ މައްސަލަ ކުރިއަށް ނުގެންދިޔުމަށް އަމުރުކޮށްފައެވެ. އެކަމާ ގުޅިގެން ހައި ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ އެ މައްސަލަ ހައި ކޯޓުން ނިމުމުގެ ކުރިން ސިވިލް ކޯޓުން މައްސަލަ ނިމިއްޖެނަމަ ހައި ކޯޓުން ކުރާ ހުކުމުގެ ބޭނުން ކެނޑިގެން ދިއުމުގެ ފުރުސަތު އޮންނާނެކަމަށެވެ. އަދި އަމުރު ނެރެނުދީފިނަމަ ބޭންކަށް ލިބޭ ގެއްލުން ބޮޑުވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެ އަމުރުގައިވެއެވެ.
އެސްއޯއެފް ކުންފުނީގެ ދެ ޗެކަކުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ޔާމީންގެ ނަންމަތީގައި ހުޅުވާފައިވާ އެކައުންޓަށް 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެއް މިލިއަން ޑޮލަރު ޖަމާކުރިއެވެ. އެ ފައިސާ އޭސީސީއާ ހަވާލުކުރެއްވުމަށް ޔާމީނު ވަނީ ދެކޮޅު ހައްދަވާފައެވެ. ނަމަވެސް ފަހުން އެސްކްރޯ އެކައުންޓަށް ޖަމާކުރައްވަން އެ މަނިކުފާނު އެއްބަސްވެވަޑައިގަތެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތަކީ ރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބޮޑު އެއް ހިޔާނާތް ކަމަށް ބެލެވެއެވެ.