-Advertisement-

-Advertisement-

ރަސްމާލެ ފަދަ މަޝްރޫޢުތަކަށް ކްލައިމެޓް ފައިނޭންސް ނުލިބޭތީ ރައީސް ކަންބޮޑުވުން ފާޅުކުރައްވައިފި.

ރައީސް ޑރ މުހައްމަދު މުއިއްޒު؛ ފޮޓޯ/ރައީސް އޮފީސް

ރަސްމާލެ ފަދަ މަޝްރޫޢުތަކަށް އުމްރާނީ ތަރައްޤީގެ ދަރަޖަ ދޭތީ ކްލައިމެޓް ފައިނޭންސިން ހަމަނުޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ “ދަ ގާޑިއަން”އަށް ހުށަހެޅުއްވި ޚިޔާލުފުޅެއްގައި ރައީސް ވިދާޅުވީ މާލެއަކީ ނިއުޔޯކުގެ ސެންޓްރަލް ޕާކާ އަޅާކިޔާ ނަމަ ސައިޒުގެ ގޮތުން ގާތްގަނޑަކަށް ދެ ގުނަ ބޮޑު ސިޓީއެއް ކަމަށާއި ދުނިޔޭގައި އެންމެ ބޮޑަށް މީހުން އާބާދުވެފައިވާ އެއް ވެރިރަށަށް މާލެ ވާނެކަމަށެވެ.

ހުޅުމާލެ ހިއްކި އިރު ވެސް ކަނޑުގެ ލޮނުގަނޑުން ދެ މީޓަރު އުސްކޮށް ހިއްކާފައިވާކަމަށާއި، ހުޅުމާލެ ތަރައްޤީ ކޮށްފައި ވާނީ ވެސް މޫސުމަށް އަންނަ އެ ފަދަ ބަދަލުތަކުން ރައްކާތެރިވެވޭނެ ގިނަ ސިފަތަކަކާއެކު ކަމަށް ރައީސް ލިޔުއްވާފައިވެއެވެ. ރައީސް ވިދާޅުވީ ރަސްމާލެއަކީ ވެސް ހަމަ އެ މަޤުޞަދުގައި ތަރައްޤީ ކުރަމުން އަންނަ ރަށެއް ކަމަށާއި އެ ތަން ތަރައްޤީ ކުރަނީ ކަނޑުގެ ލޮނުގަނޑުން ތިން މީޓަރު އުސްކޮށްކަމަށެވެ.

ދުނިޔެ ހޫނުވުމާ ގުޅިގެން ދާދި ފަހުން ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ އިތުރުވެފައިވާތީ ތަރައްޤީގެ މުހިންމު މަޝްރޫއުތަކެއް ހުއްޓާލާފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ ފަދަ މަޝްރޫއުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރުތަކަށް ސަމާލުވެ ވަރަށް ސީރިއަސްކޮށް ނަގަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރަސްމާލެ ތަރައްޤީ ކުރުން ފަދަ މަޝްރޫއުތައް ތިމާވެށީގެ ކަންކަމަށް ފައިނޭންސް ކުރާ ފަރާތްތަކާއި ބޭންކުތަކުން ނަގަނީ އުމްރާނީ ތަރައްޤީ މަޝްރޫޢުތަކެއްގެ ގޮތުގައިކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ބޮޑެތި އަދަދުން މި ފަދަ މަޝްރޫޢުތަކަށް ފައިސާ ހޯދުމުގައި ދަތިތަކާ ކުރިމަތިވާކަމަށް ރައީސް ވިދާޅުވިއެވެ. ވީމާ މުސްތަޤްބަލުގައި މޫސުމަށް އަންނާނެ ބަދަލުތަކާއި އެ ފަދަ ކަންކަމުން އަރައިގަތުމަށްޓަކައި ބޭރު ޤައުމުތަކުގެ މާލީ އެހީތެރިކަމަށް ކުދި ޤައުމުތަކުން ބަރޯސާ ވާން ޖެހޭނެކަން ބައިނަލްއަގުވާމީ މުޖްތަމައުން ވިސްނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އެފަދަ ކަންކަމަށް އެކަށީގެންވާ ފަންޑިން ލިބޭ ނަމަ ބްރިޖް ނުވަތަ ކޯޒްވޭ މެދުވެރިކޮށް ގެނެވޭނެ ތަރައްގީތައް ވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ. އެ ގޮތުން ޖަޒީރާ ރަށްތައް ގުޅުވުމާއި އާބަނައިޒޭޝަން ފުޅާ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުން ހިމެނެއެވެ. މި ފަދަ މަޝްރޫޢުތަކުގެ ސަބަބުން ތަޢުލީމާއި ސިއްޙީ ދާއިރާގެ ހިދުމަތްތައް ފުޅާ ކުރެވި، މޫސުމަށް އަންނަ ބަދަލުތަކާ ރައްޓެހި ޤައުމެއް ބިނާ ކުރުމުގެ މަގު ފަހިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރަސްމާލެ އަކީ މޫސުމަށް އަންނަ ބަދަލުތަކަށް ވިސްނައިގެން އިންޑިއާ ކަނޑުގައި ތަރައްޤީ ކުރާ ފުރަތަމަ އިކޯ ސިޓީއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-