ވިޔަފާރި ކުރާ އަންހެންނަށް ޚާއްސަކޮށްގެން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ތައާރަފްކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކޮށް އިއްޔެ ހަވީރު އެންޓީގާ އެންޑް ބާބިޔުޑާގައި ބޭއްވި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމް 2024 ނިންމުމުގެ ރަސްމިޔާތުގައި ރައީސް ޑރ މުހައްމަދު ،މުއިއްޒު ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ، އަންހެން ވިޔަފާރިވެރިންނަށް 6.5 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ތައާރަފްކޮށް، އެ ފެސިލިޓީގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް 25 އިންސައްތަ ކަނޑައެޅުން ކަމަށެވެ.
މީގެ އިތުރުން އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ޒުވާން ވިޔަފާރިވެރިން ކުރިއަރުވައި، އިންވެސްޓްމަންޓްތަކަށް މަގުފަހި ކޮށްދޭންޖެހޭކަން ފާހަގަކުރައްވާ، ރައީސް ވިދާޅުވީ، މިއަދު މުޅި ދުނިޔޭގައި ވެސް، ތިމާވެށީގެ ކަންކަން ލަފާކުރަން ނޭނގޭ މިންވަރަށް ހަލުވިކަމާއެކު ބަދަލުވަމުން ދާއިރު، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ނިސްބަތްވާ އަމިއްލަ ވިޔަފާރިތަކަށް ކުރިއަށް ވުރެ ވެސް ބޮޑަށް އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށެވެ.
ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއްނެތި، އެންމެން ޝާމިލްކުރުމަށާއި ބާރުވެރިކުރުވުމަށް އިސްކަން ދިނުމާއި އުމްރާނީ ތަރައްގީއިން ފެށިގެން ކާރިސާތަކުގެ ހިރާސް ކުޑަކުރުމާ ހަމައަށް ވެސް، ދެ ފަރާތުން ގުޅިގެން، އެއް އަމާޒަކަށް ވާސިލްވުމަށް، ބަދަހިކަމާއެކު މަސައްކަތްކުރުމަށް މަގުފަހި ކޮށްދޭން ޖެހޭ – ރައީސް
ސިޑްސްގެ ހަތަރުވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ފުރާވަޑައިގެންފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
ސިޑްސް ކޮންފަރެންސްގެ މިފަހަރުގެ ޝިއާރަކީ “ފާގަތިކަމާއި ވިލުންތެރިކަން ހާސިލްކުރުމަށް ހިތްވަރާއެކު މަސައްކަތްކުރުން” މިއެވެ.