އެސައިންޓްމެންޓު ހަދައިދޭ ކަމަށް ތުހުމަތު ކުރެވޭ ތިން މައްސަލައެއް ބަލާ ތަހުގީގު ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ފުލުހަށް ހުށައަޅައިފިއެވެ.
ހަޔާ އެޑިއުކޭޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްކިއުއޭގެ ސީއީއޯ މަރްޔަމް ފިޒާނާ ރަޝީދު ވިދާޅުވީ ގަވާއިދާއިން ޚިލާފަށް އެސައިންމެންޓްތައް ހަދައިދޭ ކަމަށް ބެލެވޭ ތިން މައްސަލައެއް އެމްކިއުއޭ އިން ފުލުހުންނަށް ތަހުގީގު ކުރުމަށް ހުށައަޅައިފައިވާ ކަމަށާއި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލާ ކުރަންޖެހޭ މަސައްކަތްތައް އެމްކިއުއޭ އިން ކުރަމުން އަންނަކަމަށް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އެމްކިއުއޭއިން އިންސްޓިޓިއުޝަނަލް އޮޑިޓުތަކެއް ކުރަމުން އަންނަ ކަމަށާއި ދެ ޔުނިވާސިޓީއެއްގެ އޮޑިޓު ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށެވެ.
މިއަދު ބޭއްވުނު ނިއުސް ކޮންފްރެންސްގައި ވާހަކަފުޅު ދައްކަވަމުން އެމްކިއުއޭގެ ސީއީއޯ މަރްޔަމް ފިޒާނާ ރަޝީދު ވިދާޅުވީ އެޑްވައިޒަރީ ބޯޑުގެ ނިންމުމާއެކު އެމްކިއުއޭ އިން މި ދެ ޔުނިވާރސިޓީގެ އޮޑިޓް ރިޕޯޓު ޕަބްލިޝް ކުރާނެ ކަމަށާއި އިތުރު އޮޑިޓް ރިޕޯޓުތައް ވެސް ނިމޭ ވަރަކުން ޕަބްލިޝް ކުރަމުން ގެންދާނެ ކަމަށެވެ.
އަދި ހަމައެއާއެކު، ހަޔާ އެޑިއުކޭޝަން އިންސްޓްޓިއުޓްގެ މަސައްކަތްތައް ދަރަޖަ ކުރުމުގެ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށް ފިޒާނާ ވިދާޅުވިއެވެ.
މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުން އަގަށް އެސައިންމެންޓް ހަދުމަކީ މީގެ ކުރިންވެސް އިދާރާތަކުން ކަންބޮޑުވުން ފާޅުކުރާ ކަމެކަށްވާއިރު، އައިބޭ ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް އަގަށް އެސައިންމެންޓް ހެދުމަކީ މިހާރު ވިޔަފާރި އުސޫލުން ކުރެވޭ ކަމެކެވެ.
ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2021/7) ގެ ދަށުން ދަރިވަރުންގެ މަސައްކަތް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުމާއި، ދަރިވަރުންނަށް މަސައްކަތްކޮށްދިނުމާއި މަސައްކަތްކޮށްދިނުމަށް ހުށަހެޅުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާއިފައިވެއެވެ.
މިމާއްދާގެ ދަށުން ދަރިވަރަކު އަމިއްލައަށް ފުރިހަމަ ކުރަންޖެހޭ މަސައްކަތެއް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުން ނުވަތަ އެހެން ފަރަތަކަށް އަގުދީގެން ކުރުވުމަކީ ކުށެއް ކަމަށާއި އެކުށުގެ އަދަބަކީ 5،000 ރުފިޔާއިން ޖޫރިމަނާ ކުރުން ކަމަށް ކަނޑައަޅާފައިވެއެވެ.
އަދި ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ މަސައްކަތެއް އަގަށް ނުވަތަ އެނޫންވރސް ގިތަކަށް އެހެން ފަރަތަކުން ކޮށްދިނުމާއި ކޮށްދިނުމަށް ހުށައެޅުމަކީ ކުށެއްކަމަށާއި އެކުށުގެ އަދަބަކީ 10،000 ރުފިޔާއިން ޖޫރިމަނާކުރުން ކަމަށް ކަނޑައަޅާފައިވެއެވެ.