20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ދިނުމަށް މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ވެރިކަން ކުރާ ޕާޓީ ފީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ނިންމައިފިއެވެ.
މިއަދު ބޭއްވި ޕާލިމަންޓްރީގެ ގްރޫޕުގެ ބައްދަލުވުމުގައީ ވަނީ، ކޮމިޓީތަކުގެ މުގައްރިރުންގެ ގޮތުގައި އައްޔަން ކުރާނެ މެންބަރުން ނިންމާފައިވާއިރު 241 ކޮމިޓީގެ މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އައްޔަން ކުރަން ނިންމައިފަވާކަމަށް ޕާލިމަންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ މެންބަރަކާއި ހަވާލާދީ ސަން އިން ރިޕޯޓްކޮށްފައިވެއެވެ.
ހަމައެއާއިއެކު، މި މަޖިލިސް އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ކާމިޔާބު ކުރެއްވި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީގެ މުގައްރިރުކަން ހަމަޖައްސާފައިވާއިރު، މަނަދޫ ދާއިރާގެ އިންތިޚާބީ މެމްބަރު ހުސްނީ މުބާރަކް ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު ގޮތުގައި ހަމަޖައްސުމަށް މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވެއެވެ.
މާދަމާ ހުވާކުރާ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީ އިން ހޯދާފައިވާއިރު، މަޖިލީހުގެ ރައީސްއަކަށް ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އައްޔަން ކުރަން މީގެ ކުރިން ވަނީ ފާސްކޮށްފައެވެ. ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހުގެ ރައީސްކަމަށް އަބްދުއްރަހީމް އަދި ނައިބު ރައީސްކަމަށް ދިއްގަރު ދާއިރާގެ އިންތިޚާބީ މެންބަރު އަހުމަދު ނާޒިމްގެ ނަން ހުށަހެޅުއްވާފައެވެ.
މިފަހަރު ރައްޔިތުންގެ މަޖިލީހަށް 93 މެމްބަރުންނަށް އަދަދު އިތުރުކޮށްފައިވާއިރު ސަރުކާރު ހިނގާ ފީއެންސީ އިން ވަނީ މީގެ ތެރެއިން 70 ވުރެ ގިނަ ގޮޑި ކާމިޔާބުކޮށްފައެވެ.
މާދަމާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހުވައިކުރުމުގެ ޖަލްސާ ބާއްވަން ހަމަޖެހިފައިވާއިރު، މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ އިންތިޚާބީ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދެވެ.