މި ސަރުކާރުން ހުޅުވާލި ފުރުސަތުގައި ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅީފަޅަށް ގޯތި ބަދަލު ކުރަން އެދުނު މީހުން ގިނަވުމުން ގުރުއަތު ނެގުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ގިރާވަރުފަޅާއި ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލު ކުރުމަށްފަހު ސަރުކާރުން ނިންމީ ގިރާވަރުފަޅުން 1347 ގޯތި ގުޅީފަޅަށް ބަދަލު ކުރުމަށެވެ. އެއީ 1250 އަކަފޫޓުގެ 193 ގޯއްޗާއި، 1650 އަކަފޫޓުގެ 663 ގޯއްޗާއި، 2050 އަކަފޫޓުގެ 487 ގޯއްޗާއި، 2450 އަކަފޫޓުގެ 4 ގޯއްޗެވެ. ހަތަރު ކެޓަގަރީއެއް ހިމެނޭހެން ޖުމުލަ 1096 ފުރުސަތަށް ހުޅުވާލާފައިވާ އިރު، އެ ކަމަށް އެދި ފޯމު ހުށަހެޅީ 2،210 ފަރާތަކުންނެވެ.
1250 އަކަފޫޓުގެ ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން 196 ފަރާތަކަށް ފުރުސަތު ދިނުމަށް ނިންމާފައިވާ އިރު 1093 ފަރާތެއް ގޯތި ބަދަލުކުރަން އެދިފައިވެއެވެ. 1650 އަކަފޫޓުގެ ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން 663 ފަރާތަކަށް ފުރުސަތު ދިނުމަށް ނިންމާފައިވާ އިރު 880 ފަރާތެއް ގޯތި ބަދަލު ކުރަން އެދިފައިވެއެވެ.
ނަމަވެސް ކުރިން ދެންނެވުނު ކެޓެގަރީތަކާ ޚިލާފަށް 2050 އަދި 2450 އަކަފޫޓުގެ ގޯތި ލިބުނު ފަރާތްތަކަށް ކަނޑައެޅިފައިވާ އަދަދަށް ވުރެ އިތުރަށް ގޯތި ބަދަލު ކުރަން އެދި ހުށަހަޅައިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން 1050 އަދި 1650 އަކަފޫޓުގެ ގޯތި ލިބުނު މީހުންގެ ތެރެއިން ގޯތި ބަދަލު ކުރުމަށް އެދިފައިވާ މީހުންގެ މެދުގައި ގުރުއަތުލާން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. މީގެ އިތުރަށް މިނިސްޓްރީއިން ބުނީ، 2450 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅާފައިވަނީ ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދުން ކަމަށްވާތީ، އެ ފަރާތްތަކުގެ މެދުގައި ގުރުއަތުލުމެއް ނޯންނާނެ ކަމަށެވެ.
ގުރުއަތުލުން އޮންނާނީ އަންނަ މަހުގެ 4 ވަނަ ދުވަހުއެވެ. މި ގުރުއަތުލުން ކުރިއަށް ދާނެ ތަނާއި، ގަޑި އާންމުކޮށް އިއުލާން ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ގުޅިފަޅަށް ގޯތި ބަދަލުކުރަން އެދި ހުށަހެޅި މީހުންގެ އަދަދު:
- 1250 އަކަފޫޓުގެ ގޯތި – ބަދަލު ކުރަން އެދި ހުށަހެޅީ 1093 މީހުން
- 1650 އަކަފޫޓުގެ ގޯތި – ބަދަލު ކުރަން އެދި ހުށަހެޅީ 880 މީހުން
- 2050 އަކަފޫޓުގެ ގޯތި – ބަދަލު ކުރަން އެދި ހުށަހެޅީ 234 މީހުން
- 2450 އަކަފޫޓުގެ ގޯތި – ބަދަލު ކުރަން އެދި ހުށަހެޅީ 3 މީހުން
ހައުސިންގް މިނިސްޓްރީން މިހާރު ވަނީ ގޯތި ބަދަލު ކުރުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓެއް އާންމުކޮށްފައެވެ. އެ ލިސްޓާ ގުޅިގެން ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ނަމަ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ 11:00ގެ ކުރިން ލިޔުމުން ހައުސިންގް މިނިސްޓްރީއަށް އެންގުމަށް އެ މިނިސްޓްރީން އެދިފައިވެއެވެ.