ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޙާއްޞަ ދައުވަތަކަށް އަރަބި 4 ގައުމެއްގެ އިސްވެރިން މިއަދު ޗައިނާއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.
އެގޮތުން މިއަދު ޗައިނާއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައި ވަނީ މިސްރުގެ ރައީސް އަބްދުލްފައްތާހުއައްސީސީއާއި ތޫނިސްގެ ރައީސް ގައިސް ސުއައްޔިދުއާއި އަރަބި އިމާރާތުގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒާޔިދު އަދި ބަހްރައިންގެ ރަސްގެފާނު ހަމަދު ބިން އީސާ އާލު ޚަލީފާކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާއިން ހާމަކުރެއެވެ. މި ޒިޔާރަތަކީ މި މަހުގެ 28-30 އަށް ބެއިޖިންގައި ބާއްވާ ޗައިނާ އަރަބި ކޯޕަރޭޝަން ފޯރަމްގެ 10ވަނަ ވަޒީރުންގެ ބައްދަލުވުން އިފުތިތާހުކުރުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ޒިޔާރަތެކެވެ. އެހެންކަމުން އެ 4 ލީޑަރުން އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި މަޑުކުރައްވާނެއެވެ.
މި ދުވަސްތަކުގައި ރައީސް ޝީގެ އިތުރުން ޗައިނާގެ އެހެން އިސް މަސްއޫލުވެރިންނާ ވެސް އެ ބޭފުޅުން ވަކިވަކިން ބައްދަލުކުރެއްވުންތައް ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.
އީރާނާއި ސައޫދީގެ ދެމެދު އުފެދިފައިވާ ހަމަނުޖެހުމުގެ ނާޖާއިޒު ފައިދާ ނަގައިގެން ގަލްފުގައި ހަމަނުޖެހުން އުފައްދައި ގަލްފަށް ހަތިޔާރު ވިއްކައިގެން އިޤްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން އެމެރިކާއިން މަންފާ ހޯދުމުން ދިޔަ ދަނޑިވަޅެއްގައި ޗައިނާއިން މި ވަނީ ސައޫދީއާއި އީރާން ގާތްކޮށް ސުލްހަކުރުވައި އެ ދެ ގައުމުގެ މެދުގައި ގުޅުންތައް ގާއިމުކުރުމުގައި ކާމިޔާބު ހޯދައި އެމެރިކާގެ ރޭވުންތައް ކާމިޔާބު ކުރުމުގެ ފުރުޞަތު ހަނިކޮށްލާފައެވެ.