ބަރުދަނާއި ބެހޭގޮތުން ވާހަކަ ދައްކާއިރު އަބަދުވެސް ދެކެވެނީ ބަރުދަން ލުއިކުރުމުގެ ވާހަކައެވެ. އެކަމަކު ބައެއް މީހުންނަށް ބަރުދަން އިތުރު ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. މަޑުމަޑުން އިތުރުކޮށް ރަނަގަޅު ބަރުދަނެއްގައި މީހާ ހިފެހެއްޓުމުށް މަސައްކަތްކުރާއިރު ވިސްނަންވީ އަންޑަރވެއިޓްގެ ސަބަބުންވެސް އަހަރުމެންގެ އިމިޔުން ސިސްޓަމަށާއި ކަށިތަކުގެ ސިއްޙަތަށް ނޭދެވޭ އަސަރުތައް ކުރަމުންދާނެކަމެވެ.
ބަރުދަން އިތުރު ކުރުމަށް މަސައްކަތްކުރާނަމަ ކުރެވިދާނެ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. ހަނދާނުގައި ބަހައްޓަންވީ އެކި މީހުންނަށް މީގެން ފައިދާ ވާނީ އެކި ކަންތަކުންކަމެވެ. މިސާލަކަށް ކެއުމުގައި ކެލޮރީސް ހިމެނޭ މިންވަރު އިތުރު ކުރުމަކީ އާންމުކޮށް އެންމެ ގިނަ ޑައިޓީޝަނުން ދޭ ލަފައެވެ. އެގޮތުން ކެއުމުގައި އިތުރަށް 300 އާއި 500އިތުރަށް ކެލޮރީސް ހިމަނާލުމަކީ ކުރެވިދާނެ ކަމެކެވެ.
ކެއުމުގައި ކެލޮރީސް އިތުރުކުރެވިދާނެ ބައިވަރު ގޮތްތައް އެބަހުއްޓެވެ. އާންމުކޮށް ލުއިކާނާ ކައި އުޅޭ ފަރާތެއްނަމަ، އޭގެ ބަދަލުގައި ޗީޒްގެ ވައްތަރުތަކާއި ނަޓްސް އަދި އެކިކަހަލަ މޭވާގެ އޮށް ފަދަ ހައި ކެލޮރީ ކާނާ ހިމަނާލުމަކީ ފަސޭހަ އެކަމަކު، ބޮޑު ތަފާތެއް ގެނުވާނެ ކަމެކެވެ. މީގެއިތުރުން ކާގަޑިތަކުގެ ދޭތެރޭގައި ހައިކެލޮރީ ބުއިމެއް ބޯލުމަކީ ވެސް ކުރެވިދާނެކަމެކެވެ. އެގޮތުން މިލްކްޝޭކް ފަދަ ބުއިންތައް އިޙްތިޔާރު ކުރެވިދާނެއެވެ.
ބައެއް މީހުންނަކީ އެއްފަހަރާ އެހާ ގިނައިން ކެވޭ މީހުންނަށް ނުވާތީ، ބޭނުންވާ ގޮތަށް މީލް ޕްލޭންތައް ތައްޔާރުކުރި ނަމަވެސް ބޮޑުބައި ބައެއްފަހަރު ދަނީ ޑަސްބިންއަށެވެ. މިކަމަށް ހައްލު ހޯދުމަށް ގިނައިން ކެއުމުގެ ބަދަލުގައި ގިނަ ފަހަރު ކެއުމުގެ ޕްލޭނެއް ތައްޔާރުކުރާށެވެ. އަދި މިގޮތަށް ކެއުން ތައްޔާރުކުރާއިރު މުހިންމު މާއްދާތައް ހިމެނޭހެން ޕްލޭން ކުރުމަށް ސަމާލުކަންދޭށެވެ.
ޕްރޮޓީން އަކީ ބަރުދަން އިތުރު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް މުހިންމު މާއްދާއެކެވެ. ވީމާ، ބަރުދަން އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާނަމަ، މި މާއްދާގެ މަތިން ކޮންމެހެންވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ. ބީންސް އާއި މަހުގެ ބާވަތްތަކުގެ އިތުރުން ބިހަކީ ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ ކާނާގެ ބާވަތްތަކެވެ.
ލުއިކާނާ ނުވަތަ ފޫހިފިލުވާލަން ހަފާލަން ކާއެއްޗިއްސަކީވެސް ސަމާލުކަން ދޭންޖެހޭ އެއްޗިއްސެވެ. ޕެކެޓްތަކުގައި ބަންދުކޮށްފައި ހުންނަ ކާއެއްޗިހިގެ ބަދަލުގައި މޭވާ ފަދަ ރަނގަޅު ކާނާ އިޙްތިޔާރު ކުރާށެވެ. އަދި މީގެއިތުރުން އަމިއްލަ އަށް އެއްޗެއް ތައްޔާރުކޮށްގެން ބޭނުންކުރާނަމަ، އެންމެ ރަނގަޅީ ފަސޭހައިން ތައްޔާރުކޮށްލެވޭ އެއްޗެއް އިޙްތިޔާރުކުރުމެވެ. މިސާލަކަށް ޔޯގަޓް އަކީ ފަސޭހައިން ލިބެންހުންނަ ރަނގަޅު ލުއިކާނާއެކެވެ.
ބަރުދަން އިތުރު ކުރުމަކީ ގައިގައިވާ މަސްތައް ބިލްޑްކޮށްގެން ވާނެކަމެކެވެ. ވީމާ މަސްތަކުގެ ސިއްހަތު ރަނގަޅު ކުރުމަށްޓަކައި ރަނގަޅަށް ކަސްރަތު ކުރުން މުހިންމެވެ. މިފަދަ ކަސްތަރު ކުރުމުގައި ވަކި ވައްތަރެއްގެ ކަސްރަތެއް ކުރުން މުހިންމެއް ނޫނެވެ. ބައެއް މީހުން ދުވުމާއި ހިނގުން އިޙްތިޔާރުކުރާއިރު އަނެއް ބައި މީހުންނަށް ކަމުދަނީ ޖިމްގައި ކުރެވޭ ކަސްތަރުތަކާއި ޔޯގާ ކަމުގައިވެދާނެއެވެ.
މީހާ ރަނގަޅު ސިއްހަތެއްގައި ހުރުމަށްޓަކައި މަސައްކަތް ކުރާއިރު ބެލެންސްޑް ޑައިޓެއް ގެންގުޅުމަކީ އެންމެ މުހިންމު އެއްކަންކަން ޔަޤީނެވެ. ކެއުމުގައި މުހިންމު މާއްދާތައް ހިމަނައި އެކަމަށް ފަރުވާތެރިވުން މުހިންމުވަނީ އެހެންވެގެންނެވެ. ބަރުދަން އިތުރު ކުރުމަށް މަސައްކަތް ކުރުމުގައިވެސް ހަކުރު މާގިނައިން ހިމެނޭފަދަ ކާއެއްޗިހި، މިސާލަކަށް ކޭކާއި ޗޮކްލެޓުން ބަނޑު ފުރާލައިގެން އުޅުމަކީ އެއްގޮތަކަށްވެސް ރަނަގަޅު ކަމެއް ނޫނެވެ. އަދި މިފަދަ އެނާރޖީ ޑްރިންކް ތަކަކީވެސް ފަހަރެއްގައި މީހާ ބޭނުންވާ ނަތީޖާ ފެންނަ އެއްޗިއްސަށް ވީނަމަވެސް، ފަހުން މީހާގެ ސިއްހަތަށް އޭގެން ގެއްލުންކޮށްފާނެ ތަކެތިކަން ހަދާނުގައި ބަހައްޓާށެވެ.