ސްކޫލް ފެށެން ދިމާވިއިރު މިއައީ ވަރަށް ވިއްސާރަ ދުވަސްކޮޅަކަށެވެ. އަނެއްކާވެސް ހެނދުނު ސްކޫލުން އޮފީހަށް، އޮފީހުން ސްކޫލަށް، އަދި ސްކޫލުން ގެއަށް ބުރުޖެހުން ފެށުނީއެވެ. ކޮންމެދުވަހަކު ސްކޫލަށް ހޮދަންޖެހެ ތަކެއްޗާއިއެކު ތަފާތު ވައްތަރުގެ އިންޓަވަލް ކުދިން ބޭނުންވެއެވެ. ސްކޫލުގައި ހޭދަކުރާ ވަގުތުގައި ކުދިން ކާ މި އިންޓަވަލް ވަރަށް ގިނަ ގޮތްގޮތުން މުހިންމެވެ. ވީމާ މި އިންޓަވަލަކީ ކުދިންނަށް ފައިދާހުރި އެއްޗަކަށް ހެދުމަށް ބެލެނިވެރިން ސަމާލުކަންދޭންވާނެއެވެ.
މި ލިޔުމުގައި މު ހިމަނާލަނީ ފަސޭހައިން ތައްޔާރުކޮށްލެވޭ ހަށިގަނޑަށް ފައިދާހުރި އިންޓަވަލްގެ ބާވަތްތަކެވެ.
1. ޝަވަރުމާ ނުވަތަ ސޭންޑްވިޗް
އެކިވައްތަރުގެ ތަރުކާރޫ އާއި މޭވާ ހިމަނައިގެން މިފަދަ ކާއެއްޗެއް ތައްޔާރުކޮށްލުމަކީ ވަރަށް ފަސޭހަކަމެކެވެ. ބިހާއި އެވަކާޑޭ ސޭންޑްވިޗް ނުވަތަ ތަރުވާރީ އާއި ހަނާކުރި މަސްކޮޅަކުން ސޭންޑްވިޗް އެއް ނުވަތަ ޝަވަރުމާއެއް ތައްޔާރުކޮށްލުމަކީ އިންޓަވަލް ގަޑިއަށް ރަނގަޅު އިޙްތިޔާރަކަށް ވެގެންދާނެއެވެ.
2. ސޫޕް
ފިނި ދުވަސްވަރަކާއި ބަލާފައި ސޫޕް އެއީ ކުދިންނަށް ރަނގަޅު އިންޓަވަލް އަކަށް ވެގެންދާނެއެވެ. ފިހާރައިން ވިއްކަން ހުންނަ ސޫޕް ޕެކެޓުން ކެއްކިޔަސް ނުވަތަ ގޭގައި އަމިއްލަ އަށް ބެނުންވާ ވައްތަރުތަކުން ސޫޕް އެއް ތައްޔާރު ކުރިޔަސް މިއީ ހަމަ އެއްވަނައިގެ ކެއުމެކެވެ. އަދި މިއީ ވަކި ވައްތަރުގެ ކާނާ ކެއުމަށް ބޭނުން ނުވާ ކުދިންނަށްވެސް އެތަކެތި ކާންދިނުމަށް ފަސޭހަ ގޮތެކެވެ.
3. ކޭކް އަދި މަފިންސް
މައިގަނޑު ކެއުމުގެ ގޮތުގައި ނުހިމެނި ކަމުގައިވިޔަސް އިންޓަވަލްގައި ފޮނި އެއްޗެއް ހިމެނިގެންދިއުމަކީ ގިނަ ކުދިން ބޭނުންވާނެ ކަމެކެވެ. ކޭކު ފިހުމަށް ގިނަ ވައްތަރުގެ މޭވާ ހާއްސަކޮށް ބެރީސް ނުވަތަ ދޮންކެޔޮ ފަދަ މޭވާ ބޭނުންކުރެވިދާނެއެވެ.
4. ޕާސްތާ ނުވަތަ ނޫޑްލްސް
ޕާސްތާ އަދި ނޫޑުލްސް އަކީ ވެސް ގިނަ ކުދިން ކާން ބޭނުންވާ ފަދަ ކާއެއްޗިއްސެވެ. އަދި މިއީ ތައްޔާރުކޮށްލުމަށް މާ ގިނަ ވަގުތު ނުނަގާ އަދި ބޭނުންވާނަމަ މަސްގަނޑު ނުވަތަ ސޯސްގަނޑު ތައްޔާރުކޮށް އައިސްއަލަމާރީގައިވެސް ބަހައްޓާލެވޭ ކާއެއްޗެކެވެ. ހެނދުނު ހެނދުނާ މާބުރަ މަސައްކަތަކަށް ނުވެ ނޫޑްލްސް ނުވަތަ ޕާސްތާކޮޅު އެްކޮށްލުމުން ނިމުނީއެވެ.
ސްކޫލް ފެށުމާއިއެކު ކުދިންގެ ގިނަވަގުތު ސްކޫލުގައި ހޭދަވާއިރު، އިންޓަވަލް ގަޑީގައި ކުދިން ރަނގަޅަށް ކެއުމުގެ އިތުރުން އެކުދިންނަށް ބޭނުންވާ ފައިދާހުރު ރަނަގަޅު ކާނާ ކެއުމަކީވެސް މުހިންމު ކަމެކެވެ. ވީމާ ކުދިންނަށް ފަސޭހައިން ކާލެވޭ އަދި ކެއުމަށް ޝައުގުވެރިވާ ކަހަލަ އެއްޗިހި އިންޓަވަލްގައި ހިމެނުންވެސް މުހިންމެވެ.