-Advertisement-

-Advertisement-

ރާއްޖޭގައި ހެލިކޮޕްޓަރު ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބިޑަށް ހުޅުވާލަނީ

ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ޖަނަވަރީ މަހު އެ މިނިސްޓްރީން ބޭއްވި ބްރީފިންއެއްގައި ވާހަކަދައްކަވަނީ – ފޮޓޯ: އެޑިޝަން.އެމްވީ

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އަންނަ ހަފްތާގެ ތެރޭގައި އިއުލާނު ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދެވޭގޮތް ހެދުމަށް އިއްޔެ ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާއާއެކު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ. އެގޮތުން “މެޑިވެކް” އާއި “ސާޗް އެންޑް ރެސްކިއު”ގެ ހިދުމަތްތައް ލާޒިމުކޮށް، ދެ އިންޖީނުލީ ހެލިކޮޕްޓަރު ބޭނުންކޮށްގެން، ހެލިކޮޕްޓަރު އޮޕަރޭޝަން ފެށުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އިއްޔެ ވަނީ ނިންމާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެލިޕޯޓަރަކަށް ޖާގަ ހަމަޖެއްސުމަށް ކުރަންޖެހޭ ކަންކަން ކުރުމަށާއި، އިތުރު ސަރަހައްދެއްގައި ހެލިކޮޕްޓަރު ޖައްސަން ޖާގަ ހަދަން ޖެހޭކަމަށް ފާހަގަކުރެވޭނަމަ އެ ކަމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދިއުމަށް ވެސް ނިންމަވާފައެވެ.

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން މި ކަމާ ގުޅިގެން އިއްޔެ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަހަރުންއަހަރަށް އިތުރުވަމުން އަންނަ އިރު، އެ ފަތުރުވެރިންނަށް ވައިގެ ހިދުމަތް ދިނުމުގައި މިހާރަށް ވުރެ ލުއި ގޮތްތަކެއް ހަމަޖައްސަން ޖެހޭކަމަށެވެ. އަމީން ވިދާޅުވީ، މިހާރު ފަތުރުވެރިންގެ މައިގަނޑު ދަތުރުތައް ބަރޯސާވެފައި އޮންނަނީ ސީޕްލޭނަށް ކަމަށާއި ނަމަވެސް ސީޕްލޭނަކީ ހަމައެކަނި ދުވާލު ގަޑީގައި ދެވޭ ހިދުމަތެއްކަމަށެވެ.

“މިއީ ޓޫރިޒަމާއި މެހެމާންދާރީއާ ގުޅޭ ދާއިރާތަކަށް ސީޕްލޭނާއެކު ފުރޮޅުލީ އުޅަނދުފަހަރުގެ އޮޕަރޭޝަންތައް ހިއްސާކުރާނެ ކަމެއް. ޓޫރިސްޓުން، ރިސޯޓުތަކަށް ނުވަތަ އެ ބޭފުޅުން ދާން ބޭނުންވާ މަންޒިލްތަކަށް ދާން ބޭނުންވޭ ދުވާލު ނޫނަސް.” އަމީން ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ވިޔަފާރި އުސޫލުން ހެލިކޮޕްޓަރު ދަތުރުތަކުގެ ޚިދުމަތް އަލުން ފެށުމުގެ މަސައްކަތް ޙަޤީޤަތަކަށް ހެދުމަށްޓަކައި އަމިއްލަ ފަރާތްތަކާއި އެހެނިހެން ސްޓޭކްހޯލްޑަރުންނާ ގާތުން މަސައްކަތް ކުރައްވާނެކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މުޅި މަސައްކަތުގެ ކަރުދާހުގެ މަސައްކަތް އޮތީ ނިމިފައެވެ. އަދި މި ހަފުތާ ނިމޭ އިރުގައި ނުވަތަ އެންމެ ލަސްވެގެން އަންނަ ހަފުތާގެ މެދުތެރެޔަށް ދާއިރު މާލިއްޔަތު ގާނޫނުގެ ތެރޭން ނިންމަން ޖެހޭ ކަންކަން ފިނޭންސް މިނިސްޓްރީން ނިންމާނެ ކަމަށް ގަބޫލުކުރެއްވޭކަމަށް ވެސް އަމީން ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭ ފަރާތުން އެއާ އެމްބިއުލާންސުގެ ހިދުމަތުގައި ހެލިކޮޕްޓަރު ބޭނުން ކުރަންޖެހޭ ގޮތަށް ވެސް މަތި ކުރާނެކަމަށެވެ.

މީގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ކަމާ ގުޅޭ އޮނިގަނޑު އިސްލާހުކޮށް، އިންޑަސްޓްރީއަށް ފަންނީ ގާބިލް މީހުން ޝައުގުވެރިކަން އުފައްދަވައި އެ ފަދަ މީހުން މި ދާއިރާގައި ދެމެހެއްޓުމަށް އެކަށީގެންވާ މުސާރައިގެ އޮނިގަނޑެއް އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ ނިންމަވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-