2025 ވަނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާނެ މަޝްރޫޢުތަކަކީ ގެދޮވެރިކަމުގެ މަޝްރޫޢުތައްކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މުއްތަލިބު މިހެން ވިދާޅުވީ އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭނެކަމަށެވެ. އަދި ރާއްޖޭގެ ސަލާމަތާ ގުޅޭ ކަންކަމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަމަކީ ގެދޮވެރިކަންކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރުން ކުރިއަށް ގެންދިއުމަށް ރާވާ މަޝްރޫޢުތަކާ ބެހޭގޮތުން މިނިސްޓަރ އިތުރަށް ވިދާޅުވީ ސަރުކާރުގެ ބަޖެޓުން ފައިނޭންސް ކުރާ މަޝްރޫޢުތަކާއި ޑޯނާ ފަންޑިން މެދުވެރިކޮށް ކުރިއަށްގެންދާ މަޝްރޫޢުތަކާއި ލޯނުގެ ދަށުން ހިންގާ މަޝްރޫޢުތައް މެދުވެރިކޮށް ގެދޮވެރިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް މިހާރު ވަނީ ރޭވިފައިކަމަށެވެ.
ބަޖެޓުގެ ބޮޑު ބައެއް ހައުސިންއަށް ޚަރަދު ކުރުމަށް ރާވާފައިވީ ނަމަވެސް މިހާރު ކުރިއަށް ދާ މަޝްރޫޢުތަކަށް އެ ކަމުގެ ސަބަބުން ބުރޫ ނާރާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ވަނީ ރައްޔިތުންނަށް އަރުއްވާފައެވެ. އަދި އަތޮޅުތެރޭގެ ރަށްރަށަށް ރައީސް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތްތައް ވެސް ބަޖެޓުގެ ކެޕޭސިޓީ ހުރި މިންވަރަކުން ކުރިއަށް ގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ބ. އޭދަފުށީގައި ހައުސިން ޔުނިޓްތަކެއް އެޅުމުގެ މަޝްރޫޢެއް ފެށުމަށް އެމްއޯޔޫގައި ސޮއިކޮށްފައިވާކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިދިޔަ އަހަރު ފެށުނު ބޯހިޔާވަހިކަމުގެ އެންމެ ބޮޑު އެއް މަޝްރޫޢުކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢާ ބެހޭގޮތުން ވެސް އެ މަނިކުފާނު ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން އެ މަޝްރޫޢާ ބެހޭގޮތުން މިނިސްޓަރ ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢު ސަރުކާރުން ރާވާފައިވާ ގޮތަށް ކުރިއަށް ނުދިޔައީ މައިގަނޑު ދެ ސަބަބަކާ ގުޅިގެންކަމަށެވެ. އެއީ ފުށިދިއްގަރުފަޅު ހިއްކުމާ ހަވާލުވެފައިވާ ނެދަލެންޑްސްގެ ބޮސްކާލިސްއާ ގުޅިފައިވާ ސްރީލަންކާގެ ކުންފުނި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އިން ހޯދަން މަސައްކަތް ކުރި ފައިސާ އެ ކުންފުންޏަށް ހޯދިފައި ނުވުމާއި، މި އަހަރުގެ ބަޖެޓުގައި ހިމެނި ފައިސާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން އުނިކޮށްލުމުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ފުށިދިއްގަރުފަޅު ހިއްކުމަށް ފަހު އެ ރަށަށް ކިޔަން ހަމަޖެހިފައިވާ ނަމަކީ ރަސްމާލެއެވެ. މިނިސްޓަރު ވަނީ ރަސްމާލޭގައި އެންމެ ފުރަތަމަ އަޅާ 15000 ހައުސިން ޔުނިޓް މަޝްރޫޢާ ގުޅޭ މައުލޫމާތު ވެސް ހިއްސާ ކުރައްވައިފައެވެ. އެގޮތުން އެ ހައުސިންގް ޔުނިޓްތައް އެޅުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓްތައް އަޅާފައިވާ ޗައިނާގެ ކުންފުންޏެއްކަމަށްވާ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖީނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ)އާއެވެ. އެއީ މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި މާލެ ސަރަހައްދުން 70 ހެކްޓަރުގެ ބިން 99 އަހަރަށް ދިނުމަށް ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން ފުށިދިއްގަރުން 60 ހެކްޓަރުގެ ބިމާއި ހުޅުމާލޭން 10 ހެކްޓަރުގެ ބިން ދިނުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫޢުގައި ހައުސިން ޔުނިޓްތައް އަޅާނީ ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ގެންދެވޭ ގޮތަށް ވަރަށް ކޮލިޓީކޮށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ފުށިދިއްގަރުފަޅުން އެންމެ ފުރަތަމަ ހިއްކާ ބިމުގައި ހައުސިން ޔުނިޓްތަކުގެ މަސައްކަތަށް ބޭނުންވާ ތަކެތި އުފައްދާނެ ފެކްޓަރީއެއް އަޅާނެކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ފުށިދިއްގަރުފަޅު މިދިޔަ ޑިސެމްބަރު 18 ވަނަ ދުވަހު ހިއްކަން ފެށީ މަސައްކަތް ފަށާތާ 8 މަސް ދުވަހުގެ ތެރޭގައި 1،150 ހެކްޓަރުގެ ބިން ހިއްކާ ނިންމާ ގޮތަށެވެ. ނަމަވެސް މިހާރު އެ މަސައްކަތް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.