ޑެންގީ ހުން ޖެހިގެން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އަށް މަހުގެ ކުޑަ ކުއްޖާގެ ހާލު ގޯސްވީ ހޮސްޕިޓަލުގެ އިހުމާލުގެ ސަބަބުންކަމަށް ބުނާ މައްސަލަ މިނިސްޓްރީ އޮފް ހެލްތް އިން ބަލަން ފަށައިފިއެވެ.
އާއިލާއިން ވަނީ އެކުއްޖާގެ އަތަށް އައިވީ ގުޅުމަށްޓަކައި ކެނިއުލާ ގުޅުވަން އުޅުމުގެ ތެރޭގައި މަސްގަނޑަށް ލޭއަރާ ގެއްލުން ލިބިފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.
ހެލްތް މިނިސްޓްރީގެ އޮފިޝަލަކާއި ހަވާލާދީ އަވަސް ނޫހުން ރިޕޯޓު ކޮށްފައިވާގޮތުގައި ހެލްތް މިނިސްޓްރީ އިން މިހާރު ދަނީ މިމައްސަލަ ބަލަމުންނެވެ.
ކުއްޖާގެ ހާލު ގޯސްވުމުން ކުއްޖާ އައިސީޔޫއަށް ލާން ޖެހުމުން އައިސީޔޫއަށް ލުމަށްފަހު ކުއްޖާގެ ހުރިހާ ކަމެއް ނަރުހުން ގާތުން ބަލާނެ ކަމުގެ ޔަޤީންކަން ހޮސްޕިޓަލުން ޢާއިލާއަށް ދިންކަމަށް ސޯޝަލް މީޑިއާގައި އާއިލާއިން ކުރި ޕޯސްޓެގައި ބުނެފައިވެއެވެ.
“އެކަމަކު ބެލޭނަމަ ގަޑިއިރަކަށް ކުއްޖާ ކައިރިން ދުރަށް ޖެހިލި އިރު ވެފަ އޮތްވަރު މީ،” ކުއްޖާގެ އާއިލާ އާއި ހަވާލާދީ އަވަސް ނޫހުން ރިޕޯޓް ކޮށްފައިވެއެވެ.
އާއިލާއިން ބުނެފައިވާ ގޮތުގައި މިމަހުގެ 12 ވަނަ ދުވަހު ކުއްޖާ ހުން އައިސް ހުން މަޑު ނުވުމުން އެދުވަހުން ފެށިގެން އެކުއްޖާ ފަސް ފަހަރު ޑޮކްޓަރަށް ދެއްކުނު ކަމަށާއި ކޮންމެ ފަހަރަކުވެސް އާދައިގެ ކަމެކޭ ބުނެ، އެއްވެސް ޓެސްޓެއް ނުހަދާ ކުއްޖާ ފޮނުވާލާ ކަމަށެވެ. އަދި ކުއްޖާގެ ޓެސްޓުތައް ހަދާފައިވަނީ އާއިލާއިން އާދޭސް ކޮށްގެންކަމަށްވެސް ބުނެފައިވެއެވެ.
އާއިލާއިން ބުނެފައިވާ ގޮތުގައި 8 މަހުގެ ކުއްޖާއަށް ޖެހިފައިވަނީ ޑެންގޫކަން އެންގުނީ އާދޭސް ކޮސްގެން ޓެސްޓުތައް ހެދުމަށްފަހު ކަމަށާއި ހުން ގަދަވުމުގެ ސަބަބުން ކުއްޖާގެ ހަށިގަނޑުގައި އިންފެކްޝަން ހެދި، ކުއްޖާ ޑީހައިޑްރޭޓްވެގެން، އެކި އެހެން މައްސަލަތައްވެސް ދިމާވެގެން ކުއްޖާގެ ހާލު މިހާރު ވަރަށް ސީރިއަސްއެވެ.