ރާއްޖޭގައި އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން އާދިއްތަ ދުވަހު ވަޒީރުންގެ މަޖިލީހަށް ހުށައަޅާނެކަމަށް ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ އަދަދު ނޫހުން ރިޕޯޓްކޮށްފިއެވެ.
އަދަދު ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާތައްދީ ޤަޠުލުޢާންމު ހިނގަމުންދާ އިޒްރޭލުގެ ޕާސްޕޯޓް ރާއްޖޭގައި މަނާކުރުމަށް ވަޒީރުންގެ މަޖިލީހަށް ހުށައަޅާނީ ވަޒީރެކެވެ. އަދި އާދިއްތަ ދުވަހުގެ ވަޒީރުންގެ ބައްދަލުވުމުގައި އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމާއި މެދު ވާހަކަދެކެވި މަޝްވަރާ ކުރެވިގެންދާނެއެވެ.
އަދަދު ނޫހުން ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވަނީ މިހާރު ސަރުކާރުގެ ވިސްނުން ހުރީ ވަގުތީ ގޮތުން އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމަށެވެ.
އިޒްރޭލުން ދަނީ 7 އޮކްޓޯބަރު 2023 ފެށިގެން ގާޒާއަށް ހަމަލާ ދެމުންނެވެ. މިކަމާއި ގުޅިގެން އިޒްރޭލުގެ ޕާސްޕޯޓް މަނާކުރަން ވަރަށް ގިނަ ފަރާތްތަކުން ވަނީ މަސައްކަތްކޮށް ގޮވާލަމުންނެވެ. އެގޮތުން ނޮވެމްބަރު 2023 ގައި ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކޮމިޓީއިން ވަނީ އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމަށް ރަޢީސުލްޖުމްޙޫރިއްޔާއަށް ލަފާ ދީ ސިޓީއެއް ފޮނުވާފައެވެ. މިކަމާއި ގުޅިގެން ޑިސެމްބަރު މަހު ރައީސް އޮފީހުގެ އަންޑަ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް އާއި ސުވާލުކުރުމުން ޕާސްޕޯޓް މަނާކުރުމަކީ ރައީސުލްޖުމްޙޫރިއްޔާއަށް ލިބިގެންވާ ބާރެއް ނޫންކަމަށް ވިދާޅުވެއެވެ.
“އެއީ މިވަގުތު އޮތް ގޮތުން ރައީސުލްޖުމްހުރިއްޔާއަށް ނިންމެވޭ ގޮތަށް ގާނޫނުގެ ތެރެއިން އޮތް ކަމެއް ނޫން، ގާނޫނުން ކުރަންޖެހޭ މަސައްކަތްތަކަކަށްވާތީވެ،” މުހައްމަދު ފިރުޒުލް ވިދާޅުވިކަމަށް އަދަދު އިން ރިޕޯޓްކުރިއެވެ.
7 އޮކްޓޯބަރުގައި އިޒްރޭލުން ފަލަސްތީނުގެ ގާޒާ އާއި ދެކޮޅަށް ފަށާފައިވާ ޤަޠުލު ޢާމްދުގައި މިހާތަނަށް 36000 އަށް ވުރެއް ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 15000 އަށް ވުރެއް ގިނައީ ކުޑަކުދީންނެވެ. އަދި ގާތްގަނޑަކަށް 81000 މީހުން ޒަހަމްވެފައިވާއިރު، 10،000 އަށްވުރެއް ގިނަ މީހުން ވަނީ ގެއްލިފައެވެ.
އިޒްރޭލުން ހިނގަމުން މިދާ ޤަޠުލު ޢާމްދުގެ ސަބަބުން އެގަޢުމު ކުށްވެރި ކޮށް ބައިނަލްއަޤްވާމީ އެތަކެއް ސަތޭކަ ގައުމުތަކަކުން ގޮވާލާއިރު، އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު ޔޯއާވް ގަލަންޓް ހައްޔަރު ކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ (އައިސީސީ) ގައި ޕްރޮސެކިއުޓަރުން ވަނީ އެދިފައެވެ.
ނަތަންޔާހޫ އަދި ޔޯއާވް ގަލަންޓް ހައްޔަރު ކުރަން ގޮވާލާފައިވަނީ ހަނގުރާމަ އުކުޅެއްގެ ގޮތުގައި ބޭނުންކޮށްގެން ގަސްދުގައި މީހުން ހާލުގައި ޖައްސައި، ގަސްދުގައި މީހުން މެރުން، ހަނގުރާމައެއްގެ ތެރެއިން މަދަނީން މެރުން، އިންސާނުން ބަނޑަށް ޖެއްސުން، އަދި އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިނގާފައި ވުމުގެ ސަބަބުންނެވެ.