އަޟްޙާ އީދާ ދިމާކޮށް މޯލްޑިވިއަނުން ރާއްޖޭގެ ސަރަހައްދުތަކަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.
ޖޫން މަހުގެ 14 ވަނަ ދުވަހުން ފެށިގެން ޖުމުލަ 9 ދުވަސް މި އަހަރު އީދު ބަންދުގެ ގޮތުގައި ލިބެއެވެ. އެހެންކަމުން ޖޫން 13 އިން ފެށިގެން ޖޫން މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުތައް އިތުރުކުރުމަށް މޯލްޑިވިއަނުން ވަނީ ނިންމާފައެވެ.
އާންމުގޮތެއްގައި މޯލްޑިވިއަނުން ކުރަނީ ދުވާލަކަށް 35 ދަތުރެވެ. އެހެންނަމަވެސް އީދު ބަންދުގައި ދުވާލަކު 50 ދަތުރު ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މި ވަގުތު މޯލްޑިވިއަންގެ އުޅަނދުތައް ރާއްޖޭގެ 16 އެއާޕޯޓަކަށް ދަތުރު ކުރާކަން ވެސް ފާހަގަކޮށްލެވެއެވެ. މޯލްޑިވިއަނުން ހާމަ ކުރާ ގޮތުގައި މި އަހަރުގެ އީދު ބަންދު ފެށެންވާ އިރަށް އެ ކުންފުނިން އިތުރު ބޯޓެއް ވެސް ފްލީޓަށް އިތުރުކޮށްފައިވެއެވެ.
އެ އެއާލައިނުން ގެންދަނީ އިތުރު ބޯޓުތައް ވެސް ރާއްޖެ ގެނެސް ވައިގެ ދަތުރުފަތުރުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ.