-Advertisement-

-Advertisement-

އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުން، 20 ވަނަ މަޖިލީހުގައި އެމްޑީޕީގެ ފުރަތަމަ މަސައްކަތް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް

އިޒްރޭލުން ފަލަސްތީނުގެ އާންމުނާއި ދެކޮޅަށް ހިނގާ ޤަޠުލުއާންމާއި ދެކޮޅު ހެދުމުގެ ގޮތުގެ އިޒްރޭލުގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާޢީލް އަޙްމަދު ނަސީމް ހުށައަޅައިފިއެވެ.

މީކާޢީލް މިރޭ ސޯޝަލް މީޑިއާގައި ބިލަށް ހުށައަޅާ އިސްލާހުގެ ޑްރާފްޓް ޙިއްސާކުރަމުން ވިދާޅުވެފައިވަނީ އެމްޑީޕީ އިން 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރާ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި އިޒްރޭލުގެ ޕާސްޕޯޓް ގެންގުޅޭ ފަރާތްތައް ރާއްޖެ އެތެރެވުން މަނާކޮށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާޙު ގެނައުމަށް ހުށައަޅާފައިވާ ކަމަށެވެ.

މި އިސްލާޙު ގެންނަންޖެހޭ ސަބަބަކީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިނގަމުންދާ ޤަޠުލުއާންމާއި ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅު އެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށް ސަރުކާރަށް ގޮވާލާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކޮށްފައިވީ ނަމަވެސް، ސަރުކާރުން މިހާތަނަށް މިކަމުގައި ޢަމަލުކުރާނެ ގޮތެއް ސާފުކޮށްދީފައި ނުވާތީވެ އަދި މިކަން ކުރެވޭނެ ވަކި މުއްދަތެއްވެސް އެނގިފައި ނުވާތީވެ ސީދާ ގާނޫނަށް ބަދަލު ގެނެސްގެން އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުން އަވަސް ކުރުމަށެވެ.

ގާނޫނު ނަންބަރު 2007/1 (ދިވެހިރާއްޖޭގެ އިމިޤްރޭޝަން ގާނޫނު) އަށް އިސްލާޙު ގެނައުމަށް މީކާއިލް ނަސީމް ހުށައަޅާފައިވާ އިސްލާޙުގައި ވަނީ، އެގާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގެ ފަހަތަށް، އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން (މީގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓުގެ އިތުރުން، އެހެން ގައުމެއްގެ ޕާސްޕޯޓެއް ގެންގުޅޭ މީހުންވެސް ހިމެނޭނެ) މިފަދައިން ބަޔާންކޮށްފައިވެއެވެ.

މީކާއީލް ނަސީމް އިމިގްރޭޝަން ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލް މަޖިލީހަށް ހުށައަޅާފައިވާއިރު، ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ އަދަދު ނޫހުންވަނީ އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމަށް އާދިއްތަ ދުވަހު ވަޒީރުންގެ މަޖިލީހަށް ހުށައަޅާނެކަމަށް ބުނެ ރިޕޯޓްކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-