2028 ވަނަ އަހަރަށް އަރަނި ބަޖެޓެއް ހުށަހަޅަށް އަމާޒު ކުރާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ސާއިދު މުސްތަފާ ވިދާޅުވީ، ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖެއްސުމަކީ ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއްކަމަށެވެ.
ދައުލަތުގެ ފައިސާ ބެލެހެއްޓެމުންދާ މިންވަރަށް އަލިއަޅުވާލާ ސާއިދު ވިދާޅުވީ މި އަހަރުގެ މޭ މަހުގެ ނިޔަލަށް، ދައުލަތަށް ލިބޭ އާމްދަނީން ހަރަދު އުނިކުރުމަށް ފަހު ޕްރައިމަރީ ބެލެންސް 201 މިލިއަން ރުފިޔާ ނެގެޓިވްކޮށް ހުރިކަމަށެވެ. އަދި މިދިޔަ އަހަރު ނިމުނު އިރު ޕްރައިމަރީ ބެލެންސްގައި ނެގެޓިވްކޮށް ހުރީ 2.6 ބިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޯވަރޯލް ބެލެންސް މެއި މަހާ ހަމައަށް 1.8 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ހަރަދުވެފައި ހުރި އިރު މިދިޔަ އަހަރު މި އަދަދު ހުރީ 4.5 ބިލިއަން ރުފިޔާގައިކަން ވެސް އެ ބޭފުޅާ ފާހަގަކުރެއްވިއެވެ. ޖުމްލަކޮށް މިއީ އަހަރުން އަހަރަށް ބަލާ ނަމަ 2.7 ބިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.
މީގެ އިތުރުން ވެސް ސާއިދު ވިދާޅުވީ އިކޮނޮމީ މެނޭޖް ކުރުމަށް ޕްލޭނެއް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވަނީ އަންގަވާފައިކަމަށެވެ. އެ ޕްލޭން ތައްޔާރުކޮށް، މިހާރު ވާނީ ހުށަހަޅާފައިކަމަށާއި އެ ކަމާ ގުޅޭ ގޮތުން ރައީސް ވެސް މަޝްވަރާ ކުރައްވާފައިވާކަމަށް ސާއިދު ވިދާޅުވިއެވެ. 2028 ވަނަ އަހަރު ފިނޭންސް މިނިސްޓްރީން ސާޕްލަސް ބަޖެޓެއް ހުށަހެޅުމަށާއި އެ މަސައްކަތް ކުރާ އިރު ދަރަނި ސްޓޮކް ވެސް މިހާރަށް ވުރެ ރަނގަޅު ވާނެ ގޮތަކަށް ގެންދިއުމަށް ބޭނުންވާ ލަފާ ރައީސްގެ އަރިހުން ލިބިލައްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ސާއިދު ވިދާޅުވީ މި އަހަރު ނިމެންވާ އިރަށް ހަރަދުތައް ކުޑަ ނުކުރެވިއްޖެ ނަމަ އިތުރު 10 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެކަމަށެވެ.
ލިބޭ އާމްދަނީން ހަރަދުތައް ހަމަޖެއްސުމަށް މި ސަރުކާރުން ގެންދަނީ ވަރަށް ބޮޑު އިސްކަމެއް ދެމުންނެވެ.