-Advertisement-

-Advertisement-

ރަސްމާލޭން ނުހިއްކި އޮތް ބައި ހިއްކުމަށް ސީއެމްސީއާ ހަވާލު ނުކުރަން ނިންމައިފި

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބު ގެދޮވެރިކަމުގެ މަޝްރޫޢުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކެވުން. ފޮޓޯ: އަވަސް

ވަގުތީގޮތުން ހުއްޓިފައި އޮތް ރަސްމާލެ ހިއްކުމުގެ މަޝްރޫޢު ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލު ކުރުމުގެ ބަދަލުގައި މާލެ ސަރަހައްދުން ކޮންޓްރެކްޓަރުން މެދުވެރިވެގެން ފައިސާ ހަމަޖައްސައިގެން އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން ސަރުކާރުން ބޭނުންވާކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މުއްތަލިބު މިހެން ވިދާޅުވީ އިއްޔެ މެންދުރު ބޭއްވި މީޑިއާ ބްރީފިންއެއްގައެވެ. ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ އެއްބަސްވުމާ އެއްގޮތަށް ކޮންޓްރެކްޓަރަށް މަސައްކަތް ނުކުރެވުނުކަން މުއްތަލިބު ފާހަގަކުރެއްވިއެވެ. އެ މަސައްކަތް ހަވާލުކޮށްފައިވާ ނެދަލެންޑްސްގެ ބޮސްކާލިސްއާ ގުޅިފައިވާ ސްރީލަންކާގެ ކުންފުނި ސީއެމްސީއަށް އިތުރު ފުރުޞަތު ނުދޭން ނިންމި މައިގަނޑު ސަބަބަކީ މާލެ ސަރަޙައްދުން ބިންތަކެއް ދިނުމަކާނުލައި ކޮންޓްރެކްޓަރުން މެދުވެރިވެގެން ފައިނޭންސް ހަމަޖައްސައިގެން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ސަރުކާރުން ބޭނުންވާތީ ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ރަސްމާލެއަށް ބޭނުންވާ ހުރިހާ ބިމެއް މި އަހަރު ނިމުމުގެ ކުރިން ހިއްކައި ނިންމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“އިރާދަކުރެއްވިއްޔާ ރަސްމާލެ ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ” އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބު ވިދާޅުވެފައިވެއެވެ.

ފުށިދިއްގަރުފަޅު ހިއްކުމަށް ފަހު އެ ރަށަށް ކިޔަން ހަމަޖެހިފައިވާ ނަމަކީ ރަސްމާލެއެވެ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢު ސަރުކާރުން ރާވާފައިވާ ގޮތަށް ކުރިއަށް ނުދިޔައީ މައިގަނޑު ދެ ސަބަބަކާ ގުޅިގެންކަމަށެވެ. އެއީ ފުށިދިއްގަރުފަޅު ހިއްކުމާ ހަވާލުވެފައިވާ ކުންފުނި، ސީއެމްސީއިން ހޯދަން މަސައްކަތް ކުރި ފައިސާ އެ ކުންފުންޏަށް ހޯދިފައި ނުވުމާއި، މި އަހަރުގެ ބަޖެޓުގައި ހިމެނި ފައިސާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން އުނިކޮށްލުމުންނެވެ. ސީއެމްސީއާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ހަވާލު ކުރީ މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި މާލެ ސަރަހައްދުން 70 ހެކްޓަރުގެ ބިން 99 އަހަރަށް ދިނުމަށް ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން ފުށިދިއްގަރުން 60 ހެކްޓަރުގެ ބިމާއި ހުޅުމާލޭން 10 ހެކްޓަރުގެ ބިން ދިނުމަށް ވަނީ ނިންމާފައެވެ. އެހެންނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް ސީއެމްސީއަށް މަސައްކަތް ކުރިއަށް ނުގެންދެވުމުން އެ ކުންފުންޏާ އެކު ދެން ކުރިއަށް ނުދާން ނިންމާފައިވާކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހާމަކުރެއެވެ.

ފުށިދިއްގަރުފަޅު މިދިޔަ ޑިސެމްބަރު 18 ވަނަ ދުވަހު ހިއްކަން ފެށީ މަސައްކަތް ފަށާތާ 8 މަސް ދުވަހުގެ ތެރޭގައި 1،150 ހެކްޓަރުގެ ބިން ހިއްކާ ނިންމާ ގޮތަށެވެ. ނަމަވެސް މިހާރު އެ މަސައްކަތް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އޭރުގެ ތާވަލަށް ބަލާ ނަމަ އެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ތެރޭގައި ނިންމަން ޖެހެއެވެ.

ރަސްމާލެ މަޝްރޫޢު ސީއެމްސީއާ ހަވާލު ކުރީ ނިމިދިޔަ ސަރުކާރުންނެވެ. މި މަސައްކަތް ހަވާލު ކުރުމުގައި އޭރުގެ ސަރުކާރުން ގެންގުޅު އުސޫލުތަކަށް އާންމުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް ވަނީ އަމާޒުވެފައެވެ. ހުޅުމާލެއާއި ރަސްމާލޭން ބޮޑު ބިމެއް ހިލޭ ދޫކޮށްލުމަކީ ބޮޑު ގެއްލުމެއް ދައުލަތަށް ލިބޭނެ ކަމެއްކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. އެހެންކަމުން މި މަޝްރޫޢު ހަވާލުކުރި ގޮތް ތަޙުޤީޤު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލައެއް ވެސް ވަނީ ހުށަހެޅިފައެވެ. އަދި އެ މައްސަލަ އެ ކޮމިޝަނުން މިހާރު ދަނީ ބަލަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-