-Advertisement-

-Advertisement-

މަޖިލީހުގެ ރައީސް ހޮވުމަށް ނެގި ވޯޓުގައި ބާތިލު ވޯޓު ގިނަވުމުން ޕީއެންސީގެ ހަމަޖެހުމާ މެދު އެމްޑީޕީން ސުވާލު އުފައްދައިފި.

ރައްޔިތުންގެ މަޖިލިސް އިދާރާ

އަބްދުއްރަހީމް އަބްދުﷲ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ހޮވިއިރު ގަސްތުގައި އެއްވެސް މެންބަރަކު ބާތިލު ވޯޓެއް ނުލައްވާކަމަށާއި، މަޖިލީހުގެ މެޖޯރިޓީ ޕާޓީ ޕީއެންސީ ތެރޭގައި އެއްވެސް ހިތްހަމަނުޖެހުމެއް ނެތްކަމަށް އެ ޕާޓީން ބުނެފިއެވެ.

މަޖިލީހުގެ ރައީސް ހޮވުމަށް ނެގި ވޯޓުގައި އަބްދުއްރަހީމަށް 71 ވޯޓު ލިބިވަޑައިގެންނެވި އިރު ނައިބު ރައީސް ހޮވުމަށް ނެގި ވޯޓުގައި ނާޒިމަށް 80 ވޯޓު ލިބިވަޑައިގެންފައިވެއެވެ.

މަޖިލީހުގެ މައިނޯރިޓީ ޕާޓީ އަދި ސަރުކާރާ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ބުދަ ދުވަހުގެ ރޭ ވަނީ އަބްދުއްރަހީމާއި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު ނާޒިމަށް ލިބިވަޑައިގެންނެވި ވޯޓުގައި ބޮޑު ފަރަގެއް އުޅޭކަމަށް ބުނެ އެ ކަމަށް ފާޑުކިޔައިފައެވެ. އެގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ވިދާޅުވީ، ވަކި މީހަކު ބުނެގެން މީހަކު އައްޔަނު ކުރަން ޖެހުމުން ޕާޓީގެ އެތެރޭގައި ނުތަނަވަސްކަމެއް އޮތްކަމަށް ބެލެވޭކަމަށެވެ. އެގޮތުން ބާތިލު ވޯޓު ދީފައިވަނީ، މީހަކު ބުނި ބުނުމަށް ވޯޓު ލައިގެން މީހަކު އައްޔަނުކުރަން ޖެހޭތީ ކަމަށާއި އެހެން ނޫންނަމަ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ހޮވުމަށް ވޯޓުލީ އިރު އެހާ ބޮޑު ފަރަގެއް އޮންނަންވީ ސަބަބެއް ނެތް ކަމަށް ދީދީ ވިދާޅުވިއެވެ. ދީދީ ވިދާޅުވި ގޮތުގައި ޑިމޮކްރަސީގައި އަމަލު ކުރާގޮތުން ނަމަ އެ ފަދަ މަޤާމަކަށް ބޭފުޅަކު އައްޔަނުކުރުމަށް ނަން ހުށަހަޅާނީ ޕާޓީ ތެރޭގައި ވޯޓެއް ނެގުމަށް ފަހުއެވެ.

އެމްޑީޕީއިން އަމާޒު ކުރި ފާޑިކިޔުންތަކާ ވިދިގެން ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އިއްޔެ ވަނީ މީޑިއާ މެދުވެރިކޮށް އެ ފާޑުކިޔުންތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން ފަލާހު ވިދާޅުވީ ޕާޓީ ތެރޭގައި އެއްވެސް ދެބަސްވުމެއް ނޫޅޭކަމަށެވެ. އަދި މަޖިލީހުގެ ރައީސް ހޮވުމަށް ނެގި ވޯޓުގައި އެއްވެސް މެންބަރަކު ގަސްތުގައި ވޯޓު ބާތިލުކޮށްފައި ނުވާކަމަށް ފަލާހު ވިދާޅުވިއެވެ. މީގެ އިތުރުން ފަލާހު ވިދާޅުވީ، ޕީއެންސީން މަޖިލީހުގެ ރައީސް ކަމަށާއި ނައިބު ރައީސް ކަމުގެ އިތުރުން ޕާޓީގެ ޕީޖީ ލީޑަރާއި ނައިބު ލީޑަރުން ވެސް ހޮވާފައި ވަނީ ޕާޓީގެ އެތެރޭގައި ރުހުން އޮތް ކަމަށް ނެގި ވޯޓަކަށް ފަހުކަމަށެވެ.

މަޖިލިސް ރައީސް ކަމަށް އަބްދުއްރަހީމް އަދި ނައިބަކަށް ނާޒިމްގެ ނަން ހުށަހެޅުއްވީ ޕީއެންސީގެ ރައީސް، އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-