-Advertisement-

-Advertisement-

އަސްކަރީ ގުޅުން ބަދަހި ކުރުމަށް ވިއަސް ރާއްޖޭގައި އެހެން ޤައުމުތަކުގެ ސިފައިން ދާއިމަށް ތިބުމާ މެދު ސަރުކާރުން ދެކޮޅު

ޑިފެންސް މިނިސްޓަރު މުޙައްމަދު ގައްސާން މަޢުމޫނު އައިއައިއެސްއެސްގެ ޝަންގްރިލާ ޑައިލޮގް 2024 ގައި ވާހަކަދައްކަވަނީ. ފޮޓޯ: ޕީއެސްއެމް ނިއުސް

ރާއްޖެއާއި އެހެން ޤައުމުތަކާ މެދު އަސްކަރީ ގުޅުން ބަދަހި ކުރުމުގެ ގޮތުން ބައެއް ހާލަތްތަކުގައި ރާއްޖޭގައި އެހެން ޤައުމުތަކުގެ ސިފައިން ތިބެން ޖެހޭ ހާލަތްތައް އައި ނަމަވެސް، ދާއިމަށް އެއްވެސް ޤައުމެއްގެ ސިފައިންނަށް ރާއްޖޭގައި ތިބެވިދާނެކަމަށް ޤަބޫލު ނުކުރައްވާކަމަށް ޑިފެންސް މިނިސްޓަރު މުޙައްމަދު ގައްސާން މަޢުމޫނު ވިދާޅުވެއްޖެއެވެ.

ގައްސާން ވިދާޅުވި ގޮތުގައި ދާއިމަށް އެއްވެސް ޤައުމެއްގެ ސިފައިންނަށް ރާއްޖޭގައި ތިބެވިދާނެކަމަށް ދިވެހި ސަރުކާރުން ވެސް ޤަބޫލެއް ނުކުރެއެވެ. އައިއައިއެސްއެސްގެ ޝަންގްރިލާ ޑައިލޮގް 2024 ގައި ވާހަކަދައްކަވަމުން ގައްސާން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ބައިނަލްއަގްވާމީ ގުޅުންތައް ވަރުގަދަ ކުރެއްވުމަށް ވަރަށް އިސްކަން ދެއްވާ ބޭފުޅެއްކަމަށެވެ.

އަސްކަރީ ގުޅުން ވަރުގަދަ ކުރެއްވުމަށް ޚާއްޞަ އިސްކަމެއް ރައީސް ދެއްވާކަން ވެސް ގައްސާން ފާހަގަކުރެއްވިއެވެ. އެގޮތުން  މުޢިއްޒު ވެރިކަމަށް ވަޑައިގަތުމާ އެކު ޒަމާނުއްސުރެ އިންޑިއާއާއި އެމެރިކާއާއެކު އޮތް އަސްކަރީ ގުޅުންތައް ދަމަހައްޓަވަން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ގައްސާން ވިދާޅުވިއެވެ. ހަމައެހެންމެ އަސްކަރީ ގުޅުންތަކުގެ ސަބަބުން އަޅުގަނޑުމެންގެ އަމިއްލަ ދިފާއީ ބާރުތައް ކަނޑުމަގުންނާއި އެއްގަމުން ވަރުގަދަކޮށް، ހަމަޖެހުމާއި އަމާންކަމާއި ސުލްހަވެރިކަން ދަމަހައްޓަވަން ރައީސް މަސައްކަތް ކުރައްވާކަމަށް ގައްސާން ވިދާޅުވިއެވެ. އެހެންކަމުން އަސްކަރީ ގުޅުންތައް ވަރުގަދަ ކުރުމަށް އެހެން ޤައުމުތަކާ ވެސް ގުޅުން ބަދަހި ކުރުމުގެ މުހިންމުކަން ގައްސާން ފާހަގަކުރެއްވިއެވެ.

މި ފަދަ ގުޅުންތަކަކުގެ ސަބަބުން އެހެން ޤައުމުތަކުގެ އަސްކަރިއްޔާ ރާއްޖޭގައި ދާއިމަށް ބައިތިއްބަން ޖެހޭނެކަމަށް ރާއްޖެއިން ޤަބޫލު ނުކުރާކަމަށާއި ރާއްޖޭގެ އެ ނިންމުމަށް އެހެން ޤައުމުތަކުން އިޚްތިރާމު ކުރާނެކަމަށް ޤަބޫލު ކުރައްވާކަމަށް ގައްސާން ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، ކުދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އަބަދު ވެސް ދަތިކަމެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ، ރާއްޖެފަދަ ކުދި ޤައުމުތަކުން، މިނިވަންކަމުގެ އެންމެ ބޮޑު ޔަޤީންކަމެއްގެ ގޮތުގައި ބަލާފައިވަނީ ބައިނަލްއަޤުވާމީ ޤާނޫނުތައްކަމަށެވެ. ނަމަވެސް ބައެއްޤައުމުތަކުން އެ އަގު ކުރުންތައް ދޫކޮށްލުމަކީ ކުދި ޤައުމުތަކުގެ ރައްކާތެރިކަމާއި ސަލާމަތަށް އޮތް ގޮންޖެހުމެއްގެގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުދި ޤައުމުތަކުން ހަރުދަނާ ގުޅުންތައްކެއް އުފައްދަންޖެހޭކަމަށް ގައްސާން ވިދާޅުވިއެވެ. އެއީ ކުދި ޤައުމުތަކާއި، ކުދި ޤައުމުތަކުގެ ބޭރުން ވެސް އުފައްދަން ޖެހޭ ގުޅުންތަކެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ޝަންގްރިއްލާ ޑައިލޮގަކީ އޭޝިއާ ސަރަޙައްދުގެ އެންމެ ބޮޑު ސަލާމަތީ ގޮންޖެހުންތަކާ މެދު ވަޒީރުން ބަހުސްކޮށް، ޤައުމުތަކުގެ މުހިންމު މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-