މިމަހުގެ 8 ވަނަ ދުވަހު ފާހަގަކުރާ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މަސްރޭހުގައި ސަރުކާރުގެ ފަރާތުން މިނިސްޓަރުންގެ ޓީމެއްވެސް ބައިވެރިވާނޭ ކަމަށް އޯޝަން ރިސޯސެސް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ސްޓޭޓް މިނިސްޓާރ މުޙައްމަދު މުއްތަލިބު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްވެސް ޝާމިލުވާނޭ ފަދައިން މިއަހަރު ކަނޑުތަކުގެ ދުވަސް ފާހަގަކުރާނީ ވަރަށް ކުލަ ގަދަކޮށް ކަމަށާއި މީގެ ތެރޭގައި ހަމައެކަނި މާލެއަށް ޚާއްސަކޮށް ހިނގާ ހަރަކާތްތަކާއި މުޅި ރާއްޖޭގެ އެކި އުމުރުފުރާގެ މީހުންނަށް ބައިވެރިވެވޭނެ ފަދަ ހަރަކާތްތައްވެސް ހިމެނޭ ކަމަށެވެ.
މި އަހަރުގެ އޯޝަންޑޭ ނުވަތަ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރަން ރާވާފައިވާ ކަންތައްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެންމެ ފުރަތަމަ ކުރިއަށް ގެންދާނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ކުރެހުމުގެ މުބާރާތެއް ކަމަށާއި މި ކުރެހުމުގެ މުބާރާތުގައި ބައިވެރިވެވޭނީ ހަތް އަހަރާއި ތޭރަ އަހަރާއި ދެމެދުގެ ކުދިންނަށް ކަމަށެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ކުރެހުމުގެ މުބާރާތް އަންނަ ބުދަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާއިރު، ކުރެހުންތައް އޮންލައިންކޮށް އަދި ފިޒިކަލްކޮށްވެސް ހުށައެޅިދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއަށްފަހު، ތޭރަ އަހަރާއި ނަވާރަ އަހަރުގެ އުމުރުފުރައަށް ޚާއްސަކޮށްގެން މަޒުމޫނު ލިޔުމުގެ މުބާރާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އީމެއިލް މެދުވެރިކޮށް އަދި ކަރުދާހުގަ ވެސް މަޒުމޫނު ހުށައެޅޭނެ ކަމަށް މިނިސްތަރު މުއްތަބު ވިދާޅުވިއެވެ.
ހަމައެއާއެކު، ‘އޯޝަންސް ލިޓްރެސީ ކުއިޒް’ ގެ ނަމުގައި ކުއިޒްއެއް އަންނަ ބުދަ ދުވަހާއި ހުކުރު ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށާއި މިއަށްފަހު، ދަރިވަރުންނަށް ކަނޑުތަކާއި ބެހޭ ގޮތުން އަހުލުވެރި ކުރުވުމަށް ސެޝަންސްތަކެއް ބޭއްވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދަރިވަރުންނަށް މަޢުލޫމާތު ދިނުމަށްފަހު ކަނޑުތަކާއި ފަޅުތަކަށް ގެއްލުން ދިނުމުން ދުރުވާނެކަމުގެ ޕްލެޖެއްގައި ދަރިވަރުން ސޮއި ކުރާނެކަމަށް މުއްތަލިބު ވިދާޅުވިއެވެ.
“ސޮއި ކުރާ ޕްލެޖު ކޮންމެ ކުއްޖެއްގެ އަތުގައި އޮންނަ ގޮތަށް އަޅުގަނޑުމެން އެކަން ކުރިއަށް ގެންދާނީ،” އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަހަރުގެ ކަނޑުތަކާއި ބެހޭ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދަން ރޭވިފައި އޮތް އެންމެ ކުލަ ގަދަ ހަރަކާތަކީ މިނިސްޓަރުންގެ ޓީމެއް ބައިވެރިވާ ގޮތަށް އަންނަ ހުކުރު ދުވަހު މާލޭގައި ކުރިއަށް ގެންދާ މަސް ރޭހެވެ. ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުން ފެށޭ މިމަސް ރޭހުގައި 25 ޓީމަކުން ބައިވެރިވާނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ސިޓީ ކައުންސިލާއި އެމްޓީސީސީ އާއި އެޗްޑީސީއާއި ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން މާލެ ސިޓީ ސަރަހައްދުގައި ފަޅުތެރެ ސާފު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ދާނެކަމަށްވެސް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.
މިފަހަރުގެ ކަނޑުތަކުގެ ދުވަސް ކުލަ ގަދަކޮށް ފާހަގަކުރުމަށް ރޭވިފައިވާއިރު، މަތީގައި ބަޔާންކުރެވުނު ކަންކަމުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށްރަށުގެ މީހުން ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކެއްވެސް އިންތިޒާމު ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.